ރާއްޖޭގެ ސިޔާސީ މައިދާނުގައި އަންހެނުންގެ ހިއްސާ މިހާރަށްވުރެ އިތުރުވާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގައުމީ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެނުން ބާރުވެރިކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒު ކުރުމުގައި އެ ޔުނިވާސިޓީ އަކީ ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ.
ތަޢުލީމީ މައިދާނުގައި ކުރިއަރައިގެން ދާ ހަލުވިމިނުގައި، އެހެން މައިދާންތައް ވެސް ކުރިއަރައި ދިޔުމަށް، ރައީސް ވަނީ ދަސްވެނިވުނު އަންހެން ދަރިވަރުންނަށް އިލްތިމާސް ކުރައްވާފައެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙަށް، އަދި ގައުމުގެ މަތީ މަޤާމުތަކަށް، ދިވެހި އަންހެނުންގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިފައެވެ.
''ނިމި ދިޔަ އިންތިޚާބުގައި، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވީވެސް އެންމެ ހަތަރު އަންހެން ބޭފުޅުން. އެއީ، މުޅި މަޖިލީހުގެ އެންމެ 4.5 އިންސައްތަ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ރާއްޖޭގެ ހޭލުންތެރިކަމާއި ތަޢުލީމީ ޤާބިލުކަމަށް ބަލާއިރު، ސިޔާސީ މައިދާނުގައި އަންހެނުންގެ ޙިއްޞާ މިއަށްވުރެ އިތުރުވާންޖެހޭނެ. އެކަމަށް ފައްކާވެފައި ތިބި ދިވެހި އަންހެނުން ވަރަށް ގިނަ.'' ރައީސް ސޯލިހު ވިދާޅުވިއެވެ.
ރާއްޖޭގައި ކިޔަވައިގެން ސެޓްފިކެޓް ހާސިލުކޮށްފައި ތިބި މީހުން ވަރަށް ގިނަ ކަން ފާހަގަ ކުރައްވަމުން ކުރައްވާ ރައީސް ވިދާޅުވީ ނެތިގެން އުޅެނީ ލިބިފައިވާ ޢިލްމާ އެއްވަރަށް، ޙިކްމަތްތެރިކަމާއެކު ކަންކަން ކުރާނެ މީހުން ކަމަށެވެ. ރާއްޖެއަށް މަތީ ތަޢުލީމް ފުޅާކުރުމަށް ގައުމީ ޔުނިވާސިޓީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައި، ގައުމީ ޔުނިވާސިޓީގެ ކެމްޕަސްތައް ގާއިމްކޮށްފައިވާއިރު އެންމެ ބޮޑަށް ކުރެވޭ އުންމީދަކީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް، އެ ޔުނިވާސިޓީގެ ކެމްޕަހެއް ގާއިމް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
''އެގޮތުން، ރާއްޖޭގެ މެދުގައި އޮތް ލ. އަތޮޅުގައި، ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. މިފަދަ ކެމްޕަސްތަކަކީ، ރާއްޖޭގެ ޞިނާޢަތްތައް ދިރުވައި އާލާކުރުމުގައި މުހިންމު ދައުރެއް އަދާކުރެވިދާނެ ތަންތަން.'' ރައީސް ވިދާޅުވިއެވެ.
ގައުމީ ޔުނިވާސިޓީގެ ހަތަރު ކެމްޕަހެއް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކޮށްފައެވެ. އެއީ، ހދ. ކުޅުއްދުއްފުށީ ގައި ހުންނަ ކެމްޕަހާއި، ލ.ގަމް ކެމްޕަސް، ސ. ހިތަދޫ ކެމްޕަސްގެ އިތުރުން ގދ. ތިނަދޫ ކެމްޕަހެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމަކީ ރާއްޖޭގެ އިގްތިޞާދުގެ މުހިންމު ސިނާއަތައް ވާއިރު އެ ދެ ދާއިރާއިން ދިރާސްތައް ހެދުމަކީ މުހިއްމު ކަމެއް ކަމަށް ރައީސް ސޯލިހު ފާހަގަކުރެއްވެވިއެވެ. ގައުމީ ޔުނިވާސިޓީގެ 558 ދަރިވަރަކު ވަނީ ބުރާސްފަތި ދުވަހުގެރޭ ދަސްވެނިވި ސަނަދު ހާސިލްކޮށްފައެވެ.