މެދު ހެންވޭރު ދާއިރާއިން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ ވަޑައިގެންނެވި އަލީ އާޒިމް މަޖިލީހުގެ ރައީސް ކަމަށް ނުވަތަ ނައިބް ރައީސް އަކަށް ވެވަޑައިގަތުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވެއްޖެއެވެ.
އާޒިމް ރައީސް ކަމަށް ޝައުގުވެރިކަން ހުންނެވި ކަން ފާޅުކުރެއްވީ ރާއްޖެ ޓީވީގެ '' ފަލަ ސުރުހީ'' ޕްރޮގްރާމްގައެވެ.
އާޒިމްއާ އެކު ނަވާރާ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ހަތަރު ބޭފުޅަކު ވަނީ މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
މަޖިލީހުގެ ރައީސް ނުވަތަ ނައިބް ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން އެންމެ ގާބިލް ބޭފުޅަކީ ކޮން ބޭފުޅެއްތޯ ސުވާލު ދެންނެވުމުން އާޒިމް ވިދާޅުވީ، މަޖިލީހުގެ ރައީސް ނުވަތަ ނައިބް ރައީސް ކަމަށް އައުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
'' އެއް ކަމަކަށް ހަމަ އަޅުގަނޑުގެވެސް އެބަހުރި އިގޭތޯ ޝައުގުވެރިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ނޫނީ ނައިބް ރައީސް ކަމަށް އައުމުގެ. އެހެން ނަމަވެސް އަޅުގަނޑުމެން ކަންކަން މި ނިންމަނީ އަޅުގަނޑުމެން ތެރޭ ވާހަކަ ދެކެވިގެން. ކޮބައިތޯ އެކަން ކަން ބަލައިގެން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ޓާމެއްގައި ހޭދަކުރަމުންދާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ހަމަ ބޭނުންވޭ މީގެ މަގާމަކަށް ކުރިމަތިލުމުގެ. ވިސްނުން އެބަހުރި އެ ފިކުރު އެބަ ހުރި . '' އާޒިމް ވިދާޅުވިއެވެ.
އެ ދެ މަގާމަށް އައުމުގެ ޝައުގުވެރިކަން ޕާލެމެންޓްރީ ގްރޫޕުގެ މެމްބަރުންނާއި ހިއްސާ ކުރައްވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ ނައިބް ރައީސް ކަމުގެ ފުރުސަތު ލިބިވަޑައިގެންފިނަމަ އެކަން ގަބޫލުފުޅު ކުރައްވާނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީއަށް ނިސްބަށްވެ ވަޑައިގަންނަވާ ބޭފުޅަކު ގެނައުމުގެ އަޑު ގަދަވެގެން ދިޔައީ ނިމިގެން ދިޔަ އާއްމު އިންތިހާބުގައި އެމްޑީޕީން މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބުނު ހިސާބުންނެވެ.
އެންމެ ފުރަތަމަ ރައީސް ކަމަށް ވަޑައިގަންނަވާނީ ކުރީގެ ރައީސް ނަޝީދު ކަމަށް ވާހަކަދެކެވުން ދިޔަ ދަނޑިވަޅުގައި އެމަނިކުފާނު އެފަދަ ޝައުގުވެރިކަމެއް ނުގެންގުޅުއްވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަކީ އެކަމަށް ގާބިލް އެއްބޭފުޅާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަމިއްލަ ގޮތުން ވާދަކޮށް ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބީރު ވެސް ވަނީ އެފަދަ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ސޯލިހު އެދިވަޑައިގަންނަވައިފިނަމަ އެމަގާމަށް ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ ގޮތުގައި އޭނާ އަކީ އަދިވެސް އެމްޑީޕީގެ މެމްބަރެކެވެ. މީގެ އިތުރުން ވިލުފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ހަސަން އަފީފު ވެސް ވަނީ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަންނަވާނެ ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.