ސްރީލަންކާ އަދި އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ސިއްހީ ޚިދުމަތް ހޯދުމުގައި މާލީގޮތުން ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް "މެރަނާ" ސްކީމްގެ ނަމުގައި އާސަންދަ ކުންފުނިން ސްކީމެއް ތައާރަފް ކޮށްފައިވާ ކަމަށް އެކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އައިމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒީނިޔާ ވިދާޅުވީ މި ގައުމުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ތެރެރއިން "މެރަނާ" ސްކީމަށް ރެޖިސްޓަރ ކުރާ ފަރާތްތަކަށް ބޭސްފަރުވާގެ މާލީ އެހީ ލިބިގެންދާނީ މި ސްކީމްގެ މިންގަނޑުގެ ތެރެއިން ކަމަށާއި މި ސްކީމުގެ ދަށުން ޚިދުމަތް ލިބިގެންދާނީ ދިގު މުއްދަތަކަށް (މަދުވެގެން 6 މަސް ) ދުވަހަށް ދިރިއުޅުމަށް އެގައުމަކުން ކަނޑައަޅާފައިވާ ވިސާ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.
" މެރަނާ" ސްކީމުގެ ކޮންމެ ބައިވެރިއަކަށް ޖުމުލަ ކަވަރޭޖުގެ ގޮތުގައި އަހަރަކު 15000 ރުފިޔާ ހަމަޖެހިގެން ދާއިރު އެނދުމަތި ނުކޮށް (އައުޓް ޕޭޝަންޓް / އޯ.ޕީ) ޚިދުމަތުގެ ޖުމުލަ ކަވަރޭޖްގެ ތެރެއިން އަހަރަކު 10،000 ރުފިޔާ އަދި އެނދުމަތި ކޮށްގެން (އިންޕޭޝަންޓް/އައި.ޕީ) އެޑްމިޝަން ހިމަނައިގެން ޖުމުލަ ކަވަރޭޖާއި އެއްވަރުގެ އަދަދެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި އާސަންދަ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ މަރުކަޒުތަކުން ޚިދުމަތް ލިބިދެވޭ އުސޫލުން "މެރަނާ" ސްކީމުގެ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ އަގުތަކުގައި، ރާއްޖެއިން ބޭރުގައި މި ޚިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލުތަކުން ލިބިދެވޭއިރު އިތުރަށް ޚަރަދެއް ހިނގައިފި ނަމަ ދައްކަން ޖެހޭނީ އެމީހަކު އަމިއްލަޔަށް ކަމަށް ވެސް ޒީނިޔާ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް މެލޭޝިއާގައި ދިރިއުޅޭ ރައްޔިތުނަށް މެރަނާ ސްކީމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވާންޖެހޭ އިދާރީ ތައްޔާރީތައް ވަމުންދާ ކަމަށާއި ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް މި ޚިދުމަތް ލިބެންދާނެ ކަމަށް އާސަންދަ ކުންފުނިން ބުނެއެވެ.
އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ހޮސްޕިޓަލަކުން މިވަގުތު ވެސް މި ސްކީމްގެ ޚިދުމަތް ލިބެން ހުރިއިރު "މެރަނާ" ސްކީމްގައި ރެޖިސްޓަރ ވެވޭނީ abroad.aasandha.mv މެދުވެރިކޮށް ކަމަށް އެ ކުންފުނިން ބުނެއެވެ.