ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބުރާސްފަތި ދުވަހު ލ. މުންޑޫ ކައުންސިލްގެ މެންބަރުންނާ ބައްދަލު ކުރައްވައިފިއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބުރާސްފަތި ދުވަހު މެންދުރު ފަހު ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި، މުންޑޫގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރެއްވިއެވެ.
ރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަ ކުރައްވައި މުންޑޫ ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، މުންޑޫއަކީ މީހުން ދިރިއުޅޭ ރަށެއްކަން ރަސްމީކޮށް އެނގެން ނެތުމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި، ސުނާމީގައި އެތައް ބައެއްގެ ގެދޮރު ހަލާކުވުމުގެ ސަބަބުން ކުރިމަތި ވެފައިވާ ގެދޮރުގެ ދަތިތަކާއި، ރަށުގައި ނަރުދަމާ އަދި ރައްކާތެރި ބޯފެނުގެ ނިޒާމު ފަދަ އަސާސީ ހިދުމަތްތައް ގާއިމުވެފައި ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ހިމެނެއެވެ. އަދި ރަށުގެ މުވައްސަސާތަކުގައި އެކަށީގެންވާ ވަރަށް މުވައްޒަފުން ނެތުމުން ދިމާވާ ގޮންޖެހުންތައް ވެސް މެންބަރުން ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން މެންބަރުން ވަނީ ގަމާއި މުންޑޫ ގުޅާލައި ދިނުމަށާއި، ލޯކަލް ޓުއަރިޒަމް ތަރައްޤީކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި ލެއްވިއެވެ.
މި ބައްދަލު ކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މުންޑޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން އެކަން ކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.