ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި އަލިފާނުގެ 86 ހާދިސާއެއް ހިނގާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޔަރ އެންޑް ރެސްކިއު ސާރވިސްގެ ކޮމާންޑަރ އަބްދުﷲ އިބްރާހިމް ވިދާޅުވީ ފާއިތުވި ހަތަރުމަސް ދުވަހުގެ ތެރޭގައި ކަރަންޓާއި ގުޅުން ހުރި ތަފާތު 18 ހާދިސާ، ކައްކަން އުދާފައި ދުރަށް ދެވުމުގެ ސަބަބުން 16 ހާދިސާ، ވެހިކަލްތަކުގައި ރޯވާ އަލިފާނުގެ ގޮތުގައި 10 ވަރަކަށް ހާދިސާ، ކަނޑުމަތީގެ އުޅަނދުތަކަށް ދިމާވި ތިން ހާދިސާއެއް ރިކޯރޑް ކުރެވިފައިވާ ކަމަށެވެ.
އަބްދުﷲ އިބްރާހިމް ވިދާޅުވީ މީގެ އިތުރުން ރިސޯރޓްގައި ހިނގާފައިވާ ދެ އަލިފާނުގެ ހާދިސާ، ކުނިތަކުގައި ރޯވެގެން އަށް ހާދިސާ، ވަލުތެރޭގައި ރޯވެގެން ފަސް ހާދިސާ،ރަށްރަށުގެ ކުނި ގޮނޑުގައި ރޯވެގެން ހަ ހާދިސާ، ގަސްތުގައި ރޯކޮށްލައިގެން ކަމަށް ބެލެވޭ ހަ ހާދިސާއަކާއި އަދި އެހެނިހެން ހާދިސާގެ ގޮތުގައި 12 ހާދިސާއެއް ރިކޯރޑް ކުރެވިފައިވާ ކަމަށެވެ.
ފާއިތުވި ދުވަސްތަކުގައި ފަޔަރ އެންޑް ރެސްކިއު ކޯލް ސެންޓަރަށް 118 އަށް 4808 ކޯލް ލިބިފައިވާ ކަމަށް ކާރނަލް އަބްދުﷲ އިބްރާހިމް ވިދާޅުވިއެވެ. އޭގެ ތެރޭގައި މައުލޫމާތު ހޯދަން 447 ކޯލާއި ހަގީގީ ހާދިސާގެ ގޮތުގައި ލިބުނު 153 ހާދިސާގެ ކޯލް ކަމަށެވެ.
އަބްދުﷲ އިބްރާހިމް ވިދާޅުވީ މާލޭގައި ހިނގާ އަލިފާނުގެ ހާދިސާތައް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ކަރަންޓް ވަޔަރިން ކުރާއިރު ކޮލިޓީ ދަށް ވަޔަރިން ބޭނުންކުރުމުގެ ސަބަބުން ހިނގާ އަލިފާނުގެ ހާދިސާތައް އިތުރުވެފައިވާ ކަމަށާއި، ސިނގިރެޓް ބުއިމަށް ފަހު ސިނގިރެޓްބުރި ނިއްވާނުލާ އެއްލާލުމުގެ ސަބަބުން ވެސް ހިނގާ އަލިފާނުގެ ހާދިސާތައް އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ތިބުމަށް އަބްދުﷲ އިބްރާހިމް ވަނީ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.
" ތްރީ ޕިންގެ ބަދަލުގައި ބާރ އެޑެޕްޓަރ ބޭނުންކުރުން، އެއަރކޯން ގަވާއިދުން މެއިންޓެނެންސް ކުރުން، ރައްކާތެރިކަމާއެކު ކަރަންޓް ބޭނުންކުރުން، ސިގިރެޓް ބުރި ނިއްވާނުލާ އެއްލާނުލުން، އަމިއްލަ ވަޔަރިން ޓެސްޓް ނުކުރުން" ކާރނަލް ވިދާޅުވިއެވެ.