ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯއިން) ކުރިއަށް ގެންދާ "މާކެޓިން ސާރވޭ" އަށް ބޮޑު ތަރުހީބެއް ލިބެމުން ދާކަމަށް ވެމްކޯގެ ހައުސް ހޯލްޑް އޮޕަރޭޝަންސް މެނޭޖަރ މުހައްމަދު ޝާން ވިދާޅުވެއްޖެއެވެ.
ރާއްޖެ އެމްވީއާ ވާހަކަ ދައްކަވަމުން ޝާން ވިދާޅުވީ މިފަދަ ސާވޭއެއް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ވެމްކޯގެ ޚިދުމަތް ނުހޯދާ ވަރަށް ގިނަ ފާރަތްތަކެއް ތިބުމާ އެކު އެފަރާތްތަކުން ވެމްކޯގެ ޚިދުމަތް ނުހޯދަނީ ކީއްވެތޯ ބެލުމާއި އަދި ވެމްކޯގެ ޚިދުމަތް ނުހޯދާ މީހުން މިހާރު ކުނި މެނޭޖު ކުރަނީ ކިހިނެއްތޯ ބެލުން ކަމަށެވެ.
ވެމްކޯއިން 2017 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ކުނިއުކާލުމުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެމުން ދާއިރު މި މަސައްކަތުގެ ފުރަތަމަ ކޮޅު ގިނަ ދަތިތަކަކާ ކުރިމަތިވި ނަމަވެސް މިހާރު ވަރަށް ގިނަ ކަންތައްތައް ހައްލު ވެފައި ވާކަމަށް ޝާން ވިދާޅުވިއެވެ.
ވެމްކޯގެ ކުނި އުކާލުމުގެ ޚިދުމަތަށް 3000 ގޭބިސީއަކުން އަދިވެސް ރަޖިސްޓަރ ނުކުރާ ކަން ފާހަގަ ކުރައްވާ ޝާން ވިދާޅު ސާވޭ ފެށިގެން މިހާތަނަށް އައިރު ބޮޑު ކުރިއެރުމެއް ލިބިފައި ވާކަމަށެވެ. އެގޮތުން 69 ފަރާތަކުން ކުނި އުކާލުމުގެ ޚިދުމަތަށް އަލަށް ރަޖިސްޓަރ ކޮށްފައިވާ ކަމަށް ޝާން ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ހެންވޭރު ދަނޑުގައި ގާއިމްކޮށްފައިވާ "މުނި އުފާ" ޑެސްކަށް 39 ފަރާތަކުން ބިލް ދައްކާފައި ވާއިރު 30 އިންސައްތަ ގޭބިސީއަށް ޒިޔާރަތް ކުރެވި ސީދާ ކަސްޓަމަރާ ބައްދަލުވެ ވެމްކޯއިން ބޭނުންވާ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝާން ވިދާޅުވީ ޒޯން 10 ގެ 84 އިންސައްތަ މީހުންނަކީ އަދިވެސް ފައިސާ ނުދައްކާ ފަރާތްތައްކަން ފަހަގަ ކުރައްވާ އޭނާ ވިދާޅުވީ މިފަދަ ގޭބިސީތަކަށް ވެމްކޯއިން ދެމުންދާ ކުނި އުކާލުމުގެ ޚިދުމަތް ހުއްޓާލަމުން ދާކަމަށެވެ.
މާކެޓިން ސާރވޭ ކުރިއަށް ގެންދަނީ މާލެ 10 ޒޯނަކަށް ބަހާލައިގެން އަދި އޭގެ ތެރެއިން އެއްޒޯނު ނަގައިގެން ޕައިލެޓް ޕްރޮޖެކްޓެއް ގޮތަށް ކަމަށާއި މިޒޯން ސާރވޭ އެއްކޮށް ނިމޭއިރު ވަރަށް ގިނަ ކަންތައްތަކެއް ދެނެގަނެވި މައުލޫމާތުތަކެއް ވެސް ލިބުމުން، ދެން ވެމްކޯގެ މަސައްކަތްތައް ރުކުރުވާލަންވީ ގޮތް ވެސް އެނގިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާކެޓިން ސާރވޭ ފަށާފައި ވަނީ މާރޗު މަހުގެ 10 ވަނަ ދުވަހުއެވެ