މާމިގިލީގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާކުރައްވަން އެ ރަށު ކައުންސިލް މެމްބަރުން ބައްދަލުކުރައްވައިފިއެވެ.
ބުދަ ދުވަހު މެންދުރު ފަހު ރައީސް އޮފީހުގައި އޮތް ބައްދަލުކުރެއްވުމުގައި، ރަށުގެ ހާލަތުގެ އިތުރުން، މާމިގިލި ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސް ސޯލިހަށް އެރުވިއެވެ.
އެގޮތުން ރަށުގެ ސިއްހީ މަރުކަޒުން ލިބެންހުންނަ ސިއްހީ ހިދުމަތްތައް މަދުވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާ ކޮށްފައިވެއެވެ. އަދި ރަށުގެ ސްކޫލަށް ދިމާވެފައިވާ ދަތިތަކާއި ޔޫތު ސެންޓަރު މަރާމާތުކުރަން ބޭނުންވާކަން ކައުންސިލް މެންބަރުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މާމިގިލި ކައުންސިލްގެ މެންބަރުން ވަނީ ރަށުގެ މަގު ހެދުމާއި މިސްކިތްތައް މަރާމާތުކުރުމަށް ބޭނުންވެފައިވާކަން ވެސް ފާހަގަކުރައްވައިފައެވެ.
މާމިގިލި ކައުންސިލް މެމްބަރުންނާ ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވަނީ އެރަށުގެ ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި ސިއްހީ ދާއިރާއަށާއި ތައުލީމީ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ހާއްސަ އިސްކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި އަހަރުގެ ބަޖެޓުގައި މާމިގިލިއަށް ބަޖެޓު ކުރެވިފައިވާ މަޝްރޫއުތަކުގެ ތެރޭގައި އެ ރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން ފަސް މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.