ގާވާއިދާ ހިލާފަށް އުޅޭ ބޭރު މީހުންގެ މައްސަލައަކީ އެކަށީގެންވާ ހައްލެއް ހޯދިފައި ނުވާ މައްސަލައެއް ކަމަށާއި އެކަމަށް ހައްލު ހޯދުމަކީ މި ސަރުކާރުގެ "ބޮޑު އަމާޒެއް"ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހުޅުމާލޭ ޖަލުގައި ހުންނަ ޑިޓެންޝަން ސެންޓަރުގައި އަލަށް ހެދި ޔުނިޓް ހުޅުވުމަށް ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ، "މުޅި ރާއްޖޭގައި ވެސް ގަވާއިދާ ހިލާފަށް އުޅެމުންދާ ބޭރު މީހުންގެ މައްސަލަ އަކީ ބޮޑު މައްސަލައެއް" ކަމަށެވެ.
މިއީ ވޭތުވެ ދިޔަ ދުވަސްތަކުގައި ހައްލު ކުރަން ޖެހި، އެކަށީގެންވާ ހައްލެއް ނުހޯދި އޮތް މައްސަލައެއްކަން ފާހަގަ ކުރައްވަމުން، ހޯމް މިނިސްޓަރު ވިދާޅުވީ، މި ކަމަށް ހައްލެއް ހޯދުމަކީ މިހާރުގެ ސަރުކާރުގެ "ވަރަށް ބޮޑު އަމާޒެއް" ކަމަށެވެ.
"މި މަސައްކަތުގައި އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތަކާ ކުރަން ޖެހޭ ކަންކަން ކުރުމުގައި ބައިނަލްއަގްވާމީ މިންގަނޑުތަކަށް، ދިވެހި ރާއްޖޭގެ ގާނޫނުތަކަށް އަދި އިންސާނީ ހައްގުތަކުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން މިދަނީ މަސައްކަތްތަކެއް ކުރަމުން. އަޅުގަނޑު އުއްމީދު ކުރަނީ މިކަމަށް މި ސަރުކާރުން އެކަށީގެންވާ ރަނގަޅު ހައްލެއް ހޯދައި ދެއްވާނެ ކަމަށް،،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
ސާޅީސް މީހުންގެ މި ޔުނިޓަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އެމީހުން މީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ ކުރިން ބަންދުކޮށްފައި ތިބޭ މުއްދަތުގައި އިންސާނީ ކަރާމާތް ލިބޭ ފަދަ ގޮތަކަށް އެކަން ކުރުމަށްޓަކައި ކަރެކްޝަނަލް ސަރވިސް އިން ކަނޑައަޅާފައިވާ ލަނޑުދަތިތަކުގެ ތެރެއިން ހާސިލް ކުރެވޭ މުހިންމު ލަނޑުދަނޑިއެއް ކަމަށް ވެސް އިމްރާން ފާހަގަ ކުރެއްވިއެވެ.
"މި ވޭތުވެދިޔަ ތަނުގައި، އެބައި މީހުން ގައުމުތަކަށް ފުރުވާލެވެން ދެން ބޭތިއްބޭ ބޭތިއްބުމަކީ އިންސާނީ ކަރާމާތާ އެކަށީގެން ނުވާ މިންވަރަކަށް ކަން ކުރެވެމުން ދިޔަ ގޮތެއް. އަޅުގަނޑުމެން މިއަދު މި އަޅާ ފިޔަވަޅަކީ، ފަށާ މަސައްކަތަކީ އެކަމަށް އެކަށީގެންވާ ބަދަލެއް ގަނައުން. މިއަދު މިކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ބޭރު މީހުން ފުރުވާލެވެން ދެން ބައިތިއްވާ ބޭތިއްބުމަށް އެކަށީގެންވާ ބޮޑު ބަދަލެއް، ރަނގަޅު ހައްލެއް ގެނެވޭނެ،" އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން، ޖަލްސާގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވީ ހުޅުމާލެ މިނިމަމް ސެކުއިރިޓީ ޖަލެއްގެ ގޮތުގައި ކަނޑައަޅައި ބަންދު މީހުންނާއި އިމިގްރޭޝަންގެ ގާނޫނާއި ހިލާފުވެގެން ފުރުވާލެވެންދެން ބަންދުގައި ތިބޭ މީހުން ބަލަހައްޓާ ޑިޓެންޝަން ސެންޓަރެއްގެ ގޮތުގައި ކަނަޑައެޅިފައިވާ ކަމަށެވެ.
މީގެ އިތުރުން ބުދަ ދުވަހު ގެނެވުނު ބަދަލާ އެކު ޖަލާއި ޑިޓެންޝަން ސެންޓަރ މުޅިން ވަކިކޮށް ގާނޫނުގައި ބަޔާންކުރެވިފައިވާ ގޮތަށް ބަންދު މީހުން ބަލަހައްޓަން ފެށޭނެ ކަމަށާއި ކުނާ އަޅައިގެން ނިންދެވި ދުވަސްތައް މާޒީއާ އެކުވެގެން ހިނގައްޖެ ކަމަށް މުނާޒް ވިދާޅުވިއެވެ.
"ޖަލާއި ޑިޓެންޝަން ސެންޓަރ މުޅިން ވަކިކޮށް ގާނޫނުގައި ބަޔަންކުރެވިފައިވާ ގޮތަށް ބަންދު މީހުން ބަލަހައްޓަން ފެއްޓޭނެ. ހަމަ މި ބަދަލާއިއެކު އިމިގްރޭޝަންގެ ގާނޫނާއި ހިލާފްވެގެން ފުރުވާލެވެންދެން ބަންދުކުރާ މީހުން މީގެކުރިން ތިބި ހާލަތަށް ވުރެ އެތަށް ގުނައެއް ރަނަގަޅު އެކަމޮޑޭޝަނަކަށް މިތަން ވެގެން ދާނެ . މީގެކުރިން ބޮޑު ހޯލެއްގައި ބިންމަތިގައި ކުނާއަޅައިގެން ނިންދަވަމުން ދިޔަ ދުވަސްތައް މާޒީއާއި އެކުވެގެން ހިނގައްޖެ " މުނާޒް ވިދާޅުވިއެވެ.
ދިގު މިމުގައި 28 ފޫޓް ފުޅާ މިނުގައި 17 ފޫޓްގެ ދެ ގޮޅި ހިމެނޭ ޔުނިޓްގެ ކޮންމެ ގޮޅިއެއްގައި ވެސް ގިނަވެގެން ބައިތިއްބާނީ 20 މީހުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މައުލޫމާތު ދިނެވެ.
ޔުނިޓްގެ ކުރިމަތިން ހުސްޖާގަ އޮންނާނެ ކަމަށާއި، ދުވާލުގެ ވަގުތުތަކުގައި ގޮޅިތަކުގައި ތިބުމުގެ ބަދަލުގައި، ގޮޅިން ބޭރުގައި ވަގުތު ހޭދަކުރެވޭނެ ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ. ހުސްބިމުގައި ކައިބޮއި ހެދުމަށްޓަކައި މެސްރޫމެއް ގާއިމް ކުރެވިފައިވާ އިރު، ނަމާދު ކުރުމަށްޓަކައި ވެސް ވަކި ޔުނިޓެއް ވާނީ ޚާއްޞަ ކުރެވިފައި ވެއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ހައްލުނުކުރެވި ބޮޑުވަމުންދާ މައްސަލައެކެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ރަސްމީ އަދަދު ނޭނގޭ އިރު އިމިގްރޭޝަނުން އަންދާޒާކުރާ ގޮތުގައި މި އަދަދު 60000 އަށް ވުރެ އިތުރުވާނެއެވެ.