ތަރައްގީ އާއި ފުދުންތެރިކަމަކީ މިއަދު ދުނިޔޭގެ ކޮންމެ ހިސާބެއްގައި ވެސް ހާސިލް ކުރަންބޭނުންވާ އެންމެ މައި ލަނޑުދަނޑިއެވެ. ތާރީހުގެ ތެރެއިން ހިނގާފައިވާ ކަމަކަށް ޖެހިލާނަމެވެ.
އެފްރިކާއަކީ ގިނަ ބަޔަކު ނާޖައިޒް ގޮތުގާ ބޭނުންކުރުމުގެ ތަޖުރިބާ ތަހައްމަލު ކޮށްފާވާ ބައެކެވެ. ގިނަ އަހަރުތަކެއް ވަންދެން ހުޅަނގުގެ ގައުމުތަކުގެ ވަކިތަކުގެ ދަށުގައި އަތޮމަށް ފަހު ދުނިޔެ ޒަމާނީ ތަރައްގީ ހޯދަމުން ދިޔައިރު ވެސް އެފްރިކާ އޮންނަން ޖެހުނީ އިހުގެ ބޯދާ ގޮތްތަކުން އަރައިނުގަނެ ތަރައްގީ ގާއިމް ކުރާނެ ގޮތެއް ނެތިފަ އެވެ.
މިކަމުގެ ސަބަބުން އެފްރިކާގެ ގިނަ ގައުމުތަކަށް ވެފައިވަނީ ތަރައްގީގެ ހަރުފަތްތަކުގައި އެހެން ގައުމުތަކާ އަރާ ހަމަކުރުމަށްޓަކާ ދުނިޔޭގެ އެހެން ގައުމުތަކުން އެންމެ ބޮޑެތި އެހީތައް ނެގި ގައުމުތަކަށެވެ. އެގޮތުން 1970 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް 300 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު މާލީ އެހީތައް އެފްރިކާގެ ގައުމުތަކުން ހޯދާފައި ވެއެވެ. މިކަން ވެގެންދިޔައީ މާލީ އެހީތަކުގެ ބަދަލުގެ ގޮތުން އެގައުމުގެ ތަފާތު ވަސީލަތްތައް އެކި ގޮތްގޮތައް އެހީދޭ ގައުމުތަކަށް ފަސޭހަކަމާ އެކު ލިބޭ ގޮތް މަގުފަހިވެގެން ދިޔަ ސަބަބަކަށެވެ.
ފަހުގެ ތާރީހަށް ބަލާ އިރު ޗައިނާ ވެފައިވަނީ އެފްރިކާގެ ގައުމުތަކަށް މިފަދަ އެހީތަށް ވެދޭ، އަދި ތަރައްގީގެ ހުވަފެން ހަގީގަތަކަށް ހެދުމަށް މަސައްކަތްކޮށްދޭ އެއް ގައުމަށެވެ. މާލީ ގޮތުން ބޮޑު އެހީތަކެއްދޭ އިރު މި ބައްރުގެ އެންމެ ބޮޑު ވިޔަފާރީގެ ޕާޓްނަރު ކަމަށްވާ ޗައިނާއިން އެމީހުންގެ ބޮޑެތި ތަފާތު އެކި ބާއްވަތްތަކުގެ އުފެއްދުންތައް އުފެއްދުމަށްޓަކައި ބޭނުންވާ ގުދުރަތީ ވަސީލަތްތައް ނުވަތަ ގުދުރަތީ ވަސީލަތަށް ހޯދަނީ އެފްރިކާގެ ގައުމުތަކުންނެވެ.
ތެލާއި ދަގަނޑާއި ލަކުޑިއާއި މައުދަނުގެ އެހެން ބާވަތްތަކުން ފެށިގެން ތަފާތު މައުދަންތައް ޗައިނާ އަށް އެތެރެކުރަނީ އެފްރިކާގެ ގައުމުތަކުންނެވެ. އޭގެ ބަދަލުގައި ޗައިނާއިން ކުރާ ކަމަކީ އެފްރިކާގެ ގައުމުތަކަށް އަގުހެޔޮކޮށް އިމާރާތް ކުރުމަށް ބޭނުންވާ މުދަލާއި ބިލިއަނުން ލޯނާއި އިންވެސްޓްމެންޓްތައް އޮއްސަނީ އެވެ.
މިކަމާ މެދު ފާޑުކިޔާ ފަރާތްތަކުން ބުނަނީ އެފްރިކާގެ ގައުމުތަކުގައި ޗައިނާ އިން އިންވެސްޓްކުރުމުގައި ގެންގުޅެނީ ވަރަށް ނާއިންސާފު އުސޫލުތަކެއް ކަމަށެވެ. އަދި ޗައިނާގެ މި ޕޮލިސީތަކަކީ ހަމައެކަނި ޗައިނާކޮޅަށް ބަރުވާ ގޮތަށް ހަދާފައިވާ ޕޮލިސީތަކެއް ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ދެކެއެވެ. އަދި މިއީ ޗައިނާ އިން ހަންފެތުރުމަށް ނުވަތަ އެމީހުންގެ ބާރު ގަދަކޮށް އަޅުވެތި ކުރުމަށް ގެންގުޅޭ އުކުޅެއް ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ސިފަކުރެ އެވެ.
ޗައިނާ އިން ބޭރު ގައުމުތަކަށް ދޭ އެހީގެ ތެރެއިން ދެ ބައިކުޅަ އެއްބައި އެހީ ފޯރުކޮށްދެނީ އެފްރިކާ އަށެވެ. އެފްރިކާގެ ގައުމުތަކުގައި ހިންގާ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގައި އާއްމުކޮށް ގެންގުޅޭނީ ޗައިނާގެ މަސައްކަތު މީހުންނެވެ. އެފްރިކާގެ ގައުމުތަކަގެ އަމިއްލަ ކުންފުނިތަކަށް މިފަދަ މަސައްކަތްތައް ކުރުމަށް އެއްވެސް ފުރުސަތެއް ނުލިބެ އެވެ.
މިހުރިހާ ކަމަކުން ޗައިނާ އަށް ވާ ފައިދާ އާއި އެގައުމުގެ ކުންފުނިތަކަށްވާ މަންފާ މާ ބޮޑެވެ. ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސް އިން 50 ބިލިއަން ޑޮލަރުގެ މަޝްރޫއެއް 2015 ވަނަ އަހަރު ފެށި އިރު 2016 ވަނަ އަހަރު ޗައިނާގެ ރެއިލްވޭ ކޮންސްޓަރްކްޝަން ކޯޕަރޭޝަނުން ވަނީ ފަސް ބިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގާފަ އެވެ. މީގެ އިތުރުން ބިލިއަން ބޮޑެތި އެހީތަކެއް ޗައިނާ އަންނަނީ އެފްރިކާގެ ގައުމުތަކަށް ފޯރުކޮށްދެމުންނެވެ.
ޗައިނާ އިން އިންވެސްޓްކުރާ އެފްރިކާގެ ގައުމުތަކުގެ ތެރޭގައި، ނައިޖޭރިއާ، ސައުތު އެފްރިކާ، ސޫދާން، އަލްޖޭރިއާ، ޒެމްބިއާގެ އިތުރުން ގާނާ އަދި އިތިއޯޕިއާ ވެސް ހިމެނެ އެވެ.
މިއަދު ރާއްޖޭގެ ހާލަތަށް ބަލާ އިރު އަޑުއިވިގެން މިދަނީ ފުލުފުލުގައި ޗައިނާ އިން ވެދޭ އެހީތަކުގެ ވާހަކައެވެ. ބްރިޖްގެ މަޝްރޫއު އަށް ދެބައިކުޅަ އެއްބައި އެހީ ޗައިނާ އިން ދޭ ވާހަކަ އެވެ. އޭގެ ބަދަލުގައި ޗައިނާގެ ކުންފުނިތަކަށް ރާއްޖޭގެ ބައެއް ފަޅު ރަށްތަކާއި ފަޅުތައް ދެމުންގެންދާ ވާހަކައަކީ މިހާރު އެންމެ ގަދައަށް ފެތުރޭ އެއްވާހަކަ އެވެ. މީގެ އިތުރުން ވެސް ބަނދަރު ތަރައްގީ ކުރުމާއި ރާއްޖޭގެ ކަނޑާއި ތިމާވެށި ރައްކާތެރި ކުރުމަށާއި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި، އިތުރު ރިސޯޓް ތަރައްގީ ކުރުމަށް ޗައިނާގެ އިންވެސްޓަރުން ޝައުޤުވެރިވާ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންގް ޕިން ވެސް ވަނީ ވިދާޅުވެފައެވެ.
މިހާރު ރާއްޖޭގެ ހާލަތަށް ބަލާ އިރު މިފެނިގެން ދަނީ އެފްރިކާގެ ގައުމުތަކުން ހިނގި މަގުން ހިނގަމުންދާ ކަމެވެ. އެއްވެސް ގައުމަކުން އެދުމެއް ނެތި އެހީއެއް ނުވާނެ ކަން އެނގޭ އިރު ޗައިނާއިން ދޭ އެހީތަކަކީ ހަމަހަމަ އެހީތަކަކަށް ނުވަތަ ދެކޮޅަށް ވެސް އެއްވަރަކަށް ފައިދާވާ ގޮތަށް ވާ އެހީތަކަކަށް ވާނެކަން ޔަގީނެވެ. ރައީސް އަބްދުﷲ ޔާމީން ވިދާޅުވާ ބާރު ސްޕީޑުގެ ތަރައްގީގެ ބަދަލުގައި ގައުމު އެހެން ބައެއްގެ އިގްތިސާދީ އަޅުވެތިކަމުގެ ތެރެއިން ވަދެގެން ދިއުން އެއީ ދިވެއްސަކު ބޭނުންވާނޭ ކަމެއް ނޫނެވެ. ހަމަގައިމުވެސް ސައުތު އެމެރިކާގެ ގައުމުތަކަށާއި އެފްރިކާގެ ގައުމުތަކަށް ޗައިނާއިން ފޯރުވާފައިވާ ނުފޫޒު މިގައުމަށް އައުމަކީ ދިވެހިންނަށް ބަލަންތިބެން އެހާ ފަސޭހަ މަންޒަރަކަށް ނުވާނެ އެވެ. އަދި މި ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް އެއީ ހަޖަމު ވާނެ ކަމެއް ނޫނެވެ. ހާއްސަކޮށް ރާއްޖޭގެ އަވަށްޓެރި އަދި ދުނިޔޭގެ ބާރެއް ކަމަށްވާ އިންޑިއާ އަށް ވެސް އެއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.