އެޖެންޑާ 19އިގެ އަމާޒަކީ މާލެ ސަރަހައްދުގައި ހުރި ރަށްތަކަކީ އަގުބޮޑު ތަންތަން ކަމުގައި ހެދުން ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށް ކ. ހިންމަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިސަރަހައްދުގެ ބިމުގެ އަގަކީ މިއަދު ރަންގަނޑެއް ފަދަ އެއްޗެއް ކަމަށާއި މީގެ އަހަރުތަކެއް ކުރިން ހިންމަފުށީގެ ބިމުގެ އަގުން އަކަ ފޫޓަކަށް 300 ރުފިޔާ ވެސް ނުލިބޭ ކަމަށެވެ.
އެގޮތުން އެދާއިރާގައި ހިމެނޭ ރަށްތަކުގެ ބިމުގެ އަގު މައްޗަށް އުފެލެމުންދާއިރު، އެކަމުން ލިބޭ އެއް ފައިދާއަކީ ދިރިއުޅުމުގެ އެހެނިހެން ކަންކަން ކުރުމަށް އިތުރު ރައުސުލްމާލެއް ލިބިގެން ދިއުން ކަމަށާއި، އެމްޑީޕީގެ އެޖެންޑާ19ގެ ދަށުން ރަށުގެ އާބާދީ އެތައް ގޮތަކުން އިތުރުވެގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި ރަށަށް ތަރައްޤީ އަންނަން ފެށުމުން މާލޭގައި ދިރިއުޅޭ ހިންމަފުށީ ރައްޔިތުން ވެސް ރަށުގައި ދިރިއުޅެން ބޭނުންވާ ކަމަށާއި، އާބާދީ އިތުރުވެގެންދާ ދިއުމާއިއެކު ލާމަރުކަޒީ ޤާނޫނަށް އެޖެންޑާ 19އިން ލިބިދޭ ބާރުގެ ދަށުން ހިންމަފުށީގެ އިހްތިސާސް ތެރޭގައި ހިމެނޭ ލަންކަން ފިނޮޅާއި، ލަންކަންފުށީގެ ބިމު ކުލިން ލިބޭ އެއްޗެއްގެ 40 އިންސައްތަ ހިންމަފުށީ ކައުންސިލަށް ލިބިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން ލާމަރުކަޒީ ޤާނޫނަށް މިބަދަލު އެކަނި ގެންނަން ވެސް އެމްޑީޕީއަށް މެޖޯރިޓީ ލިބެންޖެހޭ ކަމަށް އިޝާރާތް ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަން ދަންނަ އެފިކުރުގެ މީހުން ބޭނުންވާ ކަމަށެވެ.