ހދ. ނޮޅިވަރަންފަރަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަން ހައްލުކޮށްދިނުމަށް 60 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ބަޔަކާއި ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބqރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތއީދު ހޯއްދެއްވުމަށް ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޮޅިވަރަންފަރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރައްޔިތުންނަށް މި ވަގުތަށް އެންމެ މުހިއްމީ އެންމެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމާއި ފެނާއި ނަރުދަމާ އާއި މަގުހެދުމާއި ބަނދަރުތައް ހަދައި ކަރަންޓްގެ އަގުހެޔޮކޮށްދިނުން ކަމަށެވެ.
"ތަރައްގީއަށްޓަކައި ރަށްރަށަށް ކޮށްދޭން ހުރި ކަންތައްތައް ވަރަށް ގިނަ. ރައްޔިތުންނަށް ހަމަނޭވާ ލެވި ރަނގަޅު ދިރިއުޅުމެއް ލިބޭނީ އަސާސީ ވައުދުތައް ފުދިގެން،" ރައސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވެފައިވާ ވައުދުތައް މި ފަސް އަހަރު ތެރޭ ފުއްދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ.
ރިޔާސީ އިންތިޚާބުން ރައްޔިތުން ވޯޓް ދިނީ ގިނަ ސަބަބުތަކެއް ހުރެގެން ކަމަށާއި، އެއީ އޭރުގެ ވެރިކަމުގެ ނިޒާމުގައި ހުރި ދޯދިޔާ ކަންތަކެއްގެ ސަބަބުންނާއި، ރައްޔިތުންނަށް އަނިޔާވެރި ވުމުގެ ސަބަބުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ސާލިހު ވިދާޅުވީ ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް މި ދާއިރާގެ ކެންޑިޑޭޓް އަހުމަދު އަލީ ރައްޔިތުންގެ މަޖިލީހަށް ހޮއްވަވައިދެއްވުން އެދިވަޑާއިގަންނަވާ ކަމަށެވެ.
ނޮޅިވަރަންފަރަށް ކޮށްދެއްވާނެ ގިނަ ކަންތައްތަކެއް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ރަށުގެ ސުކޫލްގެ މަލްޓި މީޑިއާ ހޯލާއި، ޒުވާނުންގެ ފުޓްބޯޅަ ދަނޑު މި އަހަރު ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މި ރަށުގެ މަގުތައް ހަދައި ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް، މި އަހަރުގެ ތެރޭ ލެބޯޓްރީގެ ޚިދުމަތް ފެއްޓޭނެ ކަމަށް ވިދާޅުވިއެވެ. އަދި މި ރަށަށް ބަދަލުކުރި މައިވާދޫ އާއި، ކުނބުރުދޫ އަދި ފަރިދޫގެ ރައްޔިތުން ވެސް ހިމެނޭ ގޮތުން ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދިނުމަށް 60 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި 27 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.