ގްލޯބަލް މަނީ ވީކް ފާހަގަކުރުމަށް އެމްއެމްއޭ އިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މާލީ ދާއިރާ އަށް ހޭލުންތެރިކުރުމުގެ ގޮތުން "މާލީ ބަހުސް" ގެ ނަމުގައި ބަހުސްއެއް ބާއްވައިފިއެވެ.
ދިވެހި ބަހުގެ އެކަޑަމީއާ ގުޅިގެން ބޭއްވި މި ބަހުސްގައި ވާހަކަދެއްކި ދެ ޓީމް އެކުލަވާލާފައި ވަނީ ދިވެހި ބަހުގެ އެކަޑަމީންނެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރޭ ބޭއްވި މި ބަހުސްގެ މައުޟޫއަކީ "ދިވެހި މުޖްތަމައުގައި ފަހަށް ރައްކާކުރުމުގެ ސަގާފަތް ދިރުވަން އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނީ މައިންބަފައިންނާއި މުދައްރިސުންނަށެވެ."
މި ބަހުސްގެ ޝަރަފުވެރިމެހުމަނަކީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާތިމަތު ނަސީރުއެވެ. މި ބަހުސް ބައްލަވާލެއްވުމަށް މާލީ ދާއިރާގެ އިސްބޭފުޅުންނާއި ބައެއް ދަރިވަރުން ހާޒިރުވިއެވެ.
ގްލޯބަލް މަނީ ވީކް ފާހަގަކުރުމުގެ ގޮތުން އެމްއެމްއޭ އިން ވަނީ މުޅި ރާއްޖެ ޝާމިލްވާ ގޮތުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
ގްލޯބަލް މަނީ ވީކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މާލީ އަދި ފައިސާއާ ގުޅުން ހުރި ކަންތައްތަކަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުމަށް ޚާއްސަކުރާ ހަފްތާއެކެވެ.