ހިއުމަން ރައިޓްސް ކޮމިޝަނުން މާލޭ ޖަލަށް، ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރުންނާއެކު ޒިޔާރަތެއް ކޮށްފިއެވެ.
މި ޒިޔާރަތަކީ ބަންދުގައި ތިބޭ މީހުންނާމެދު ތަނުގައި ޢަމަލުކުރެވޭގޮތާއި، މި ޖަލުގައި އެއްވެސް އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމާއި، މި ތަންތަނުގައި ޤައިދީންނަށް ލިބިދޭން ޖެހޭ ޙައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމެވެ.
މީގެ އިތުރުން ޖަލުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޙާލަތު ދެނެގަތުމާއި، މުވައްޒަފުންނަށް މަސައްކަތް ކުރުމަށް ދިމާވާ ދަތިތައް ދެނެގަތުމާއި، ޖަލުގެ ޢާންމު ޙާލަތު ދެނެގަތުމަށް ފަހު ކޮމިޝަނުން ކަމާގުޅުން ހުރި އިދާރާތަކަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން ބައެއް ކަންކަން ތަންފީޒުވަމުން ދިޔަ ނަމަވެސް، ބަޖެޓާގުޅުން ހުރި ހުށަހެޅުންތައް ތަންފީޒުވެފައިނުވުން ހިމެނެއެވެ.
އަދި ކޮމިޝަނުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް ތަންފީޒުނުވެ ގިނަދުވަސްވަމުން ދާތީ، މި ކަންކަމަށް އަވަސް ހައްލެއް ހޯދުމަށް 2019 ވަނަ އަހަރު ކޮމިޝަނުން ރާވައިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރާ ޒިޔާރަތެއް ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
މި ޒިޔާރަތަށް ފަހު، ކޮމިޝަނުން އާއްމުކޮށް އަމަލުކުރަމުންދާ އުސޫލުގެމަތިން ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަން ކަމާގުޅޭ އިދާރާތަކާ ޙިއްޞާކުރާނެ ކަމަށް ވެސް އެޗްއާރްސީއެމުން ބުންޏެވެ.