ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން މެޑަމް ލައިލާ އަލީގެ ކުރީގެ ބޮޑީގާޑު އދ. މާމިނގިލި، ނެދުންގެ، ކޯޕްރަލް އަހުމަދު ޝާނީޒަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އޭނާގެ ވަކީލު ނާޒިމް ސައްތާރު ޓްވިޓާގައި ވިދާޅުވީ، ޝާނީޒަށް އަލުން ވަޒީފާ ދިނުމަށާއި، އިތުރުން ބަދަލުގެ ގޮތުގައި 189،000ރ. ދިނުމަށް ސިވިލް ކޯޓުން ބުދަ ދުވަހު ހުކުމް ކޮށްފައިވާ ކަމަށެވެ.
ޝާނީޒްގެ އިތުރުން އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)އިން އޭރު ވަކިކުރި ސިމާދު އަހުމަދާއި އަހުމަދު ފައްތާހުގެ މައްސަލަ ވެސް ކޯޓަށް ހުށަހެޅި އެވެ. ސިމާދަށް ވަޒީފާ ދޭން ކޯޓުން މިދިޔަ މަހު ހުކުމްކޮށްފައިވާއިރު ފައްތާހުގެ މައްސަލަ އޮތީ ޝަރީއަތުގެ މަރުހަލައިގައެވެ. ސުޕްރީމް ކޯޓުގެ އަމުރަށްފަހު އެ މީހުން ހައްޔަރުކޮށް ވަޒީފާއިން ވަކިކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ ހަތަރު ވަނަ ދުވަހުގައެވެ. ވަޒީފާ އިއާދަކޮށްދޭން އެދި ކޯޓަށް މައްސަލަ ހުށަހެޅީ، އާ ސަރުކާރުން ވެރިކަމާ ހަވާލުވުމާ އެކު، މިދިޔަ ޖެނުއަރީ މަހުއެވެ.
އެމްއެންޑީއެފްގެ އެސްޕީޖީގައި މަސައްކަތް ކުރަމުން ދިޔަ ޝާނީޒް މިވަޒީފާ އިން ވަކި ކުރީ އޭނާ ވަޒީފާ ބަދަލު ކުރުމަށް ޗިޓް ފޮނުވުމަށް ފަހުއެވެ. ނަމަވެސް ފަހުން އޭނާއަށް ފޮނުވި ޗިޓްގައި ވަނީ، ސިފައިންގެ އަހްލާގާއި ސުލޫކާއި ހިލާފުވެފުވުމުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެފަ އެވެ.
އެ މައްސަލަ ނިންމީ ޑިސްޕިއުޓު މަރުހަލާގައެވެ.