ހުޅުމާލެގައި އެކްސިޑެންޓެއް ހިނގައި ކުއްޖަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭ އަސުރުމާ ހިނގުމާއި ޗަނބޭލީ މަގު ގުޅުނު ހަތަރު އަނގޮޅި ކުރިމަތިން ސައިކަލަކާ ކާރެއް ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓް ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ހެނދުނު 07:30 ހާއިރުއެވެ.
އެކްސިޑެންޓްގައި ސައިކަލް ގައި ތިބި ދެ މީހުންނަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ދެމީހުންގެ ތެރެއިން އެކަކީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި، ދެން އަނިޔާވީ 49 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެކްސިޑެންޓްގައި އަނިޔާވި ދެ މީހަކު ހެނދުނު 07:40 ހާއިރު އެ ހޮސްޕިޓަލަށް ގެނެސް ފަރުވާދެމެންދާ ކަމަށެވެ. ފިރިހެން މީހާގެ އަނގަމައްޗަށް ގެއްލުންވެފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އެމީހާ އާއި ސޯޅަ އަހަރުގެ ކުއްޖާ އަށް ފަރުވާ ދެމުންދާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެ ކުއްޖާ އަށް ލިބުނީ ކިހާ ވަރެއްގެ އަނިޔާއެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.