ވިހެއުމާއި ގުޅިގެން ޗުއްޓީ ދޭން ހަރަދު ވާނީ އަހަރަކަށް 30 މިލިއަން ރުފިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ''ފަށާއިރު'' ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އަންހެނުންނަށް ވިހެމާއި ގުޅިގެން ހަ މަސް ދުވަހުގެ ޗުއްޓީ ދޭން ނިންމެވީ އެތައް ދިރާސާ ތަކެއް ހެދުމަށް ފަހު ކަމަށެވެ.
ސިވިލް ސަރވިސް ގައި 16،300 އަންހެނުން ވަޒީފާ އަދާކުރަމުން ގެންދާ ކަމަށާއި އޭގެ ތެރެއިން އަހަރު ހާހެއްހާ މީހުން ވިއުމުގެ ޗުއްޓީ ނަގާ ކަމަށާއި އެ ހިސާބަށް ބަލާއިރު، މި ސަރުކާރުން ތައާރަފުކުރި ވިހެއުމާ ގުޅިގެން އަންހެނުންނަށް ދޭ ހަ މަސް ދުވަހުގެ ޗުއްޓީ އާއި ފިރިމީހާއަށް ދޭ ޗުއްޓީ އަށް 30 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށެވެ.
އެކަމަށް ބަޖެޓްގައި ފައިސާ ހިމަނާފައިވާނެ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ދައުލަތުގެ ހަރަދު ކުޑަކޮށްގެން ވެސް ހޯއްދެވޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
ވިހެއުމުން އަންހެނުންނަށް ހަ މަސް ދުވަހުގެ ޗުއްޓީ ލިބޭ ގޮތަށް، އަދި ފިރިހެނުންނަށް އެއް މަސް ދުވަހުގެ ޗުއްޓީ ލިބޭ ގޮތަށް ސަރުކާރުން ބަދަލު ގެނައިކަން އިއުލާން ކުރީ، އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
"ދައުލަތުން ބުރައެއް އުފުލަން ޖެހުނަށް މިއީ ކުރަންޖެހޭ ފަދަ ކަމެއް. މިކަން ދެމެހެއްޓިގެން ދާނެ ،" ރައީސް ސޯލިހް ވިދާޅުވި އެވެ.
ކ. މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އަންހެނުން ބާރުވެރިކޮށް، ދެމެހެއްޓެނިވި ތަރައްގީގައި އަންހެނުންގެ ޙިއްޞާ އިތުރުވާނޭހެން ކަންކަން ބައްޓަން ކުރުމަކީ ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއް ކަމަށާއި އެ ސިޔާސަތު ފުރިހަމައަށް ތަންފީޒު ކުރެވޭނީ، އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތައިލުމުގައި ޢާއިލާ އާއި މުޖްތަމަޢުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން ކަމަށެވެ.