ޝަރުއީ ދާއިރާ އިސްލާހު ކުރެވޭނީ ކޯޓްތަކަށް ފޯރުވާ ސިޔާސީ ނުފޫޒު ހުއްޓުވައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ރައީސް ސޯލިހް ވިދާޅުވީ 100 ދުވަހުގެ ވައުދުގެ ތެރެއިން މިހާތަނަށް 83 ޕަސެންޓް ހާސިލް ކުރެވިފައިވާ ކަމަށާއި ނުކުރެވި ހުރި ކަންތައްތަކުގެ ތެރޭގައި ޝަރުއީ ދާއިރާ އިސްލާހުކުރުން ފަދަ ކަންކަން އެބަ ހުރި ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ މީގެ ކުރިން ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާފައިވާ ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުއްވާނެ ކަމަށެވެ.
"ފުރަތަމަ އަޅުގަނޑުމެން އެ ފިޔަވަޅު ނަގަންވީ. އޭރުން އަޅުގަނޑު ހިތުން ޝަރުއީ ދާއިރާ އިސްލާހުކުރުމަށް މި ކުރާ މަސައްކަތަށް މަގު ފަހިވެގެން ދާނެ. މިހާތަނަށް ވެފައި މި އޮތް ގޮތަކީ، ގަބޫލު ކުރެއްވިއަސް ނުކުރެއްވިއަސް ހަމަ ސަރުކާރުގެ ތެރެއިން މިދޭތެރެއިން އެ ނުފޫޒު ފޯރާފައި އޮތީ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މަސައްކަތަކީ ރައްޔިތުންގެ މަޖިލިސްގެ ތެރެއިން ކުރެވޭނެ ކަމެއް ކަމަށާއި އެކަން ކުރައްވާނީ ޝަރުއީ ދާއިރާގެ ވެސް މަޝްވަރާއާ ޚިޔާލާ ހޯއްދަވައިގެން ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.
ޝަރުއީ ދާއިރާ އިސްލާހު ކުރަން ސަރުކާރުން ކުރައްވާ މަސައްކަތަށް ތާއިދު ކުރައްވައި، އެކަން ކުރެއްވުމަށް ސަރުކާރު އެއްބާރުލުން ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ވެސް ވަނީ ވިދާޅުވެފަ އެވެ.
ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް މައިގަނޑު ތިން ކަމަކަށް ފޯކަސް ކުރަންޖެހޭނެ ކަމަށާއި އެގޮތުން ޝަރުއީ ދާއިރާގެ ހައިރާކީ ނިޒާމު ހަރުދަނާ ކުރުމާއި އިދާރީ ހިންގުމާ ބެހޭ އިޖުރާއަތުތައް އިސްލާހު ކުރުމާއި މުވައްޒަފުންގެ އިލްމާއި އަހުލާގު ހުރިކަން ކަށަވަރު ކުރަންޖެހޭ ކަމަށް، "ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް" ފެށުމަށް ފެބްރުއަރީ މަހު ބޭއްވި ޖަލްސާގައި އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
"[އެ ތިން ކަންތައް އިސްލާހުވެއްޖެނަމަ] ފަނޑިޔާރުގޭގެ ނަޒާހަތްތެރިކަން އިތުރުވެ، ކޮރަޕްޝަން ފަސާދައިގެ ވަބާތަކުން ފަނޑިޔާރުގެ ތާހިރުވެ، ފަނޑިޔާރުގެއަށް ރައްޔިތުންގެ އިތުބާރު ލިބުމަށް މަގުފަހިވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގައި އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ވަނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ގިނަ ކަންތައްތަކެއް އެކުލަވާލާފައެވެ. އޭގައި ވާގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނެއްގެ ދަށުން ހިންގާ ވަކި ޑިޕާޓްމަންޓެއްގެ ގޮތުގައި ހަމަޖެއްސުމާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އައްޔަންކޮށް ވަކިކޮށް އަދި ޖަވާބުދާރީކުރުވުން އެއީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއިން ކުރާ ކަމެއްގެ ގޮތުގައި ހަމަޖެއްސުމާއި ކޯޓުތަކަށް ރަޖިސްޓްރާ އައްޔަނުކޮށް ވަކިކުރުން އެއީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ ޒިންމާއެއްގެ ގޮތުގައި ހަމަޖެއްސުން ހިމެނެއެވެ. އަދި ހުޅުވާލެވިފައިވާ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވައި އެއްވެސް ނިންމުމެއް ނުވަތަ އަމުރެއް ނުނެރުމާއި އަމިއްލަ އިސްނެގުމަށް ސުޕްރީމް ކޯޓުން މައްސަލަތައް ނުބެލުމާއި ކޯޓުތަކަށް ސުޕްރީމް ކޯޓުން ލަފަޔާއި އިރުޝާދު ދިނުން ހުއްޓާލުން އަދި ހައިކޯޓުގެ ދެކުނު ގޮތްޕާއި އުތުރު ގޮފި އުވާލުން ފަދަ ކަންތައްތައް ހިމެނެއެވެ.