މާލޭގައި ބިދޭސީއަކަށް ހަމާލާދީ އޭނާގެ އަތުގައި ހުރި 6،000 ރުފިޔާ ބަޔަކު ފޭރިގެންފިއެވެ.
ފޭރުމުގެ އެ ހާދިސާ ހިނގާފައި ވަނީ އަންގާރަ ދުވަހުގެ ރޭ އޯކިޑްމަގު ގަޑި ބުރު ކައިރީގައި ހުންނަ "އައި ކެއާ އޮޕްޓިކަލް" ކައިރީގައެވެ. މަންޒަރު ދުއް މީހަކު ބުނީ ބިދޭސީއަކު ހިނގާފައި ދަނިކޮށް، ބަޔަކު އޭނާގެ އަތުން ފައިސާތައް ފޭރިގެންފައި ވަނީ އަނިޔާކުރުމަށްފަހުގައި ކަަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ބިދޭސީމީހާ އަތުން ފޭރިގެންފައި ވަނީ 6،000 ރުފިޔާ އާއި ފޯނެއް ކަމަށާއި އޭނާ އަތުން އެތަކެތި ފޭރިގަތީ ދެ ސައިކަލެއްގައި އައި ހަތަރު މީހުން ކަމަށެވެ. އެ ހާދިސާއާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރު ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މިއަހަރުގެ ތެރޭގައި ފޭރުގެ ބޮޑެތި މައްސަލަތަކެއް މާލޭގައި ވަނީ ހިނގާފައެވެ. ވޭތުވެދިޔަ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފަސް މިލިއަން ރުފިޔާ ވަނީ މަގުމަތިން ފޭރިގެންފައެވެ. މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ރާއްޖޭގެ މަސް ކުންފުނި، މިފްކޯގެ ވޭނެއް ހުއްޓުވައި، ދެ މިލިއަން ރުފިޔާ ވަނީ ފޭރިގެންފައެވެ. އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ވެސް ހެލްމެޓް އަޅައިގެން ތިބި ބަޔަކު ވަނީ ސައިކަލުތަކެއްގައި ގޮސް، ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އިންޑިއާ މީހެއްގެ އަތުން ފޭރިގެންފައެވެ. އެ ހާދިސާ ހިނގާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި މަހު އެކަނި ވެސް ފޭރުމުގެ 37 ހާދިސާ ވަނީ ހިނގާފައެވެ. މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ހިނގާފައިވާ ފޭރުމުގެ މައްސަލަތަކުގެ އަދަދު 118އަށް އަރައެވެ.