Advertisement
ކ. މާލެ
|
27 މާރޗް 2019 | ބުދަ 09:55
އަލީ ނިޒާރު ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަނީ
އަލީ ނިޒާރު ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަނީ
ރާއްޖެ އެމްވީ
މަޖިލިސް އިންތިހާބު 2019
ގުޅިގެން މަސައްކަތް ކުރުން ނޫން ހައްލެއް ނޯންނާނެ: ނިޒާރު
ޕާޓީގެ ޓިކެޓަކީ ކެނޑިޑޭޓުންގެ ބުރަ މަސަައްކަތުން ހޯދާފައިވާ ހައްގެއް ކަމަށް ވިދާޅުވި
އަދާލަތު ޕާޓީއަށް ފަސް ދާއިރާއެއް ދިނުމަށް މަސައްކަތް ކުރެއްވި

ސަރުކާރުގައި ހިމެނޭ ޕާޓީތައް ގުޅިގެން މަސައްކަތް ކުރުން ނޫން ހައްލެއް އެއް ވެސް ޕާޓީއަކަށް ނޯންނާނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ. 

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ނިޒާރު ވިދާޅުވީ ކޯލިޝަން ދަމަހައްޓަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އެގޮތުން އެމްޑީޕީން ދޫދީ ކޯލިޝަނުގައި ހުރި އެހެން ޕާޓީތަކަށް ބައެއް ދާއިރާތައް ދޭން މަސައްކަތް ކުރެއްވި ނަމަވެސް، އެކަމަށް އެ ޕާޓީގެ ގައުމީ މަޖިލިހުން ނޫނެކޭ ބުނުމުން ދެން އެކަން ކުރެވޭނެ އިތުރު ގޮތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ކޯލިޝަން ރޫޅޭ ވަރުގެ އެއްވެސް އަމަލުފުޅެއް ވެސް އަދި އެއްވެސް ވާހަކަފުޅެއް ވެސް ރައީސް ސޯލިހު ދައްކާފައި ނުވާނެ ކަމަށް ވިދާޅުވަމުން ނިޒާރު ވަނީ ރައީސް ސޯލިހަށް ތައުރީފުކުރައްވާފައެވެ. އެމަނިކުފާނު ޕާޓީގެ ލީޑަރުންނަށް ވެވެޑައިގެންނެވި ވައުދުތައް ފުއްދަވަމުންދިޔުމާއި ގުޅިގެން، ކޯލިޝަން ރޫޅެން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ. އަދި މި ގައުމުގެ ރައްޔިތުންނަށް އެއްމެ ރަނގަޅު ގޮތަކީ ގުޅިގެން މަސައްކަތް ކުރުން ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.

އެއްވެސް ޕާޓީއަކަށް ގުޅިގެން މަސައްކަތް ކުރުން ނޫން ހައްލެއް ނޯންނާނެ. ކޮންމެ ގޮތެއް ވިޔަސް މި ވަގުތު ރައީސްއެއްގެ ގޮތުގައި އެ ހުންނެވީ އިބްރާހިމް މުހައްމަދު ސޯލިހު. ދެން އަޅުގަނޑުމެން ގުޅިގެން މިކަން ކުރީމަ ނުވާނެ ގެއްލުމެއް، ވާނީ ފައިދާ" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު މިހެން ވިދާޅުވީ މަޖިލިސް އިންތިހާބުގައި ގޮނޑި ބެހުމަށް ވެފައިވާ އެއްބަސްވުމާ އެމްޑީޕީން ހިލާފުވެފައިވާ ކަމަށް ބުނެ ޖުމްހޫރީ ޕާޓީއިން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާ އެކު މަޖިލިސް އިންތިހާބަށް ނިކުންނަން ނިންމާފައި ވާތީ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ޕީއެންސީ އާއެކުގައި އިންތިހާބުގައި އެކުގައި ވާދަކުރައްވަން ނިންމެވި ނަމަވެސް، ސަރުކާރު ހިންގާ ކޯލިޝަން ދެމިއޮތް ކަމަށް ވިދާޅުވެފައެވެ. 

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީ އާއި އެމްޑީޕީ ގުޅިގެން ކުރިއަށް ދާއިރު، ފަސް ދާއިރާ ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވުމުން އެ ދާއިރާތަކުގެ ކެންޑިޑޭޓުން އެކަމަށް ވިދާޅުވީ ނޫނެކޭ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ. 

"ރައީސް (ނަޝީދު) ހުށައެޅުއްވި އެ ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދަވަން. ފަސް ދާއިރާގެ، މިއީ ކިހާ އުނދަގޫކަމެއްތޯ؟ ކިހާ ބޮޑު ޑެމޭޖެއްތޯ ޕާޓީއަށް. ކިތައް މެމްބަރުންގެ ރުޅިވެރިކަން ޕާޓީގެ ލީޑަރުން އަދި ޕާޓީއަށް އަންނާނެތޯ؟ ދާއިރާތަކުގެ ނިކަމެތިކަމެއް ހަމަ ޕާޓީއަށް އަންނާނެ. އެހެން ނަމަވެސް ރައީސް ހުށައެޅުއްވިއޭ އެކަން ކުރައްވަން. ބައެއް ދާއިރާތަކުގެ ރައީސުން ރޮއެފައި ޖަޒުބާތުގައި އެކަން އެހެން ނުކުރެވޭނެ ކަމަށް ހުށައެޅި. އުނދަގޫ ކަންކަން ވެސް ކުރައްވަން ޕާޓީ ތެރެއިން މަސައްކަތް ކުރެއްވި،" ނިޒާރު ވިދާޅުވިއެވެ.   

ނިޒާރު ވިދާޅުވީ އެމްޑީޕީގެ ޓިކެޓަކީ ޕާޓީން ދޭ އެއްޗެއް ނޫން ކަމަށާއި އެއީ ކެނޑިޑޭޓުންގެ ބުރަ މަސައްކަތުން ހޯދާފައިވާ ޓިކެޓު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް