Advertisement
ކ. މާލެ
|
27 މާރޗް 2019 | ބުދަ 00:47
ކުރީގެ ރައީސް ވާހަކަފުޅު ދައްކަވަނީ
ކުރީގެ ރައީސް ވާހަކަފުޅު ދައްކަވަނީ
މުހައްމަދު ޝަރުހާން
މަޖިލިސް ބަހުސް
ވެރިކަމުގެ ނިޒާމުގެ މައްސަލައިގައި ގޮތެއް ނިންމާނީ ރައްޔިތުން: ނަޝީދު
ވެރިކަމުގެ ނިޒާމާ ބެހޭ ގޮތުން ވޯޓެއް ނަގަން ޖެހޭ
ގާނޫނު އަސާސީގައި މަޖިލީހުގައި ބާރުވެރިކަން ވަރަށް ބޮޑު

ވެރިކަމުގެ ނިޒާމުގެ މައްސަލައިގައި ގޮތެއް ނިންމާނީ ރައްޔިތުންގެ ވޯޓުން ކަމަށާއި ރައްޔިތުން ކޮންމެ ގޮތަކަށް ނިންމެވި ނަމަވެސް، އެގޮތަކަށް ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައު މައްޗަންގޮޅި މެދުދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުން މެދުގައި ބޭއްވި ބަހުސްގައި އެމްޑީޕީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު ވިދާޅުވީ މިހާރު އަމަލުކުރަމުން ގެންދާ ގާނޫނު އަސާސީއަކީ ވަރަށް ޒަމާންވީ ހުދުމުހުތާރު ރިޔާސީ ނިޒާމަކާ އިދިކޮޅަށް ހިނގި ހަރަކާތެއްގެ ތެރެއިން ލިބުނު އެއްޗެއް ކަމަށެވެ.

ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮތްއިރު، ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގައި ބާރުވެރިކަން ވަރަށް ބޮޑު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. 

"ގާނޫނު އަސާސީ ވަކި ހިސާބަކަށް އިސްލާހު ކުރުމަށްފަހުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުނީ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ތިބޭފުޅުން ހަދުމަފުޅު ހުންނާނެ. އެވޯޓުގައި ރާއްޖޭގައި ވޯޓު ލާން ހައްގުވާ މީހުންގެ އަދަދަށްވުރެ ގިނައިން ވޯޓުލީ ކަމަށް އިއުލާން ވެސް ކުރި،" ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ވޯޓުގައި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް ތުހްމަތުކުރައްވައި ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާނެ ކަމަށް އެމްޑީޕީއާ އިދިކޮޅު ބައެއް ޕާޓީތަކުން ބުނަމުންދާއިރު، ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމަށް ގެންނަ ބަދަލެއް ކަނޑައަޅާނީ ރައްޔިތުންގެ ވޯޓުން ކަމަށެވެ. 

އެމަނިކުފާނު ވިދާޅުވީ ވޯޓުން ވެރިކަމުގެ ނިޒާމުގެ ގޮތުގައި ރިޔާސީ ނިޒާމު ކަނޑައެޅިގެން ދިޔަ ކަމަށާއި، ނަމަވެސް މިއަދު ރައްޔިތުން ބޭނުންވާ ގޮތް ދެނެގަތުމަށް ރައްޔިތުންގެ ވޯޓަކަށް ދާން ޖެހޭ ކަމަށެވެ.

"[ވެރިކަމުގެ ނިޒާމުގެ] ވޯޓަށްފަހު ރިޔާސީ ނިޒާމެއްގެ ގޮތުގައި ވެރިކަމުގެ ނިޒާމް ކަނޑައެޅިގެން ދިޔައީ، އަޅުގަނޑުމެން މިއަދުވެސް އަމަލުކުރަންޖެހޭ ގޮތްތައް އަލުން އަނބުރާ ދެނެގަތުމަށް ޖެހޭނީ ރައްޔިތުންގެ ވޯޓަށް އަޅުގަނޑުމެންދާން، ރާއްޖޭގެ ރައްޔިތުން މިރާއްޖޭގައި އޮތުމަށް ފެންނަނީ ރިޔާސީ ނިޒާމެއް ކަަމަށް ކަނޑައަޅައިފިނަމަ އެގޮތަށް އަމަލު ކުރަން އަޅުގަނޑު މިހުރީ ވަރަށް ބޮޑަށް ތައްޔާރަށް، ރާއްޖޭގެ ރައްޔިތުން އެހެން ގޮތަކަށް އަމަލު ކުރިނަމަވެސް މިހުރީ ތައްޔާރަށް،" އެމަނިކުފާނު ވިދާޅުވި އެވެ. 

ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ މުޅި ސިޔާސީ ހަޔާތް ހޭދަކުރައްވަމުން ގެންދެވީ ދިވެހިރާއްޖޭގައި ސުލުހަވެރި ސިޔާސީ ހަރަކާތް ހިންގުމާއި އެ ހަރަކާތަކީ ރައްޔިތުންގެ ބައިވެރިވެގެން ހިންގޭ ނިޒާމަކަށް ހެދުމަށް ކަމަށެވެ. ދިވެހިރާއްޖޭގައި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމެއް އެކަށައެޅިފައިވާ ކަމަށާއި ދިވެހިރާއްޖޭގެ އާމްދަނީ 7 ބިލިއަނުން 30 ބިލިއަން ރުފިޔާއަށް އެމްޑީޕީއަށް ގެނެވިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

އެމްޑީޕީން އިންތިޚާބަށް ނުކުތީ އެޖެންޑާ 19 އާއެކުގައި ކަމަށާއި އެމްޑީޕީން ނުކުތީ ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަން ފުއްދައި ދިނުމަށް ކަމަށާއި، ވަޒީފާ ހޯދައި ދިނުމަށާއި ރައްޔިތުންގެ މައްސަލަތައް ހައްލުކުރެއްވުމަށެވެ.  

އެމަނިކުފާނުގެ ވެރިކަން ބަދަލުކޮށްފައިވާއިރު، ނަޝީދު ވިދާޅުވީ އިތުރު ބަޣާވާތަކަށް އަދި ދީނުގެ ނަން ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި ޚިލާފު އުފައްދާކަން ޖާގައެއް ނުދެއްވާނެ ކަމަށެވެ. 

"އެއްވެސް ހާލެއްގައި އަޅުގަނޑަކީ ވޯޓު ލުމަކީ ދީނާ ގުޅޭ ކަމެއް ނޫން ކަމަށް މީގެ ކުރިން ވާހަކަ ދައްކާފައިވާ މީހެއް ނޫން. އަދި އެ ވާހަކަތައް ދެއްކުމަށް ފަހުގައި ދެން މިތަނަށް ވަޑައިގެން ވޯޓެއް ދެއްވުމަށް އެދި ވާހަކަ ދެއްކެވުމުގެ ހުތުރު އަމަލު ވެސް އިރާދަކުރެއްވިޔާ އަޅުގަނޑެއް ނުކުރާނަން،" އެ މަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓަކަށް ބަހުގެ ހަމަލާ ދެއްވުމުގެ ގޮތުން ވިދާޅުވި އެވެ. 

އެގޮތަށް ވާހަކަ ދައްކަވާފައިވާ ބޭފުޅުން މިހާރު އިންތިޚާބަށް ނުކުމެ ވަޑައިގެން ރައްޔިތުންގެ ގާތު ވޯޓު ހޯއްދަވަން އެއްގޮތަކަށް ވެސް އައްސަވައިގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

ފަނޑިޔާރުން އުމުރަށް މަގާމުގައި ތިބެންޖެހޭ ގޮތަށް ހަދައި، ރަނގަޅު މުސާރައެއް ކަނޑައެޅުނު ކަމަށާއި، ނަމަވެސް އެ ބަދަލުތަކުން ވެސް ރައްޔިތުން ބޭނުންވާ އިންސާފު ނުލިބޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންވެ، ޖޭއެސްސީ ބަދަލުވާން ޖެހޭ ކަމަށާއި  ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޖުޑީޝަރީން ވަކިކޮށް ވަކިން ހިންގާ ތަނެއްގެ ގޮތަށް ބަދަލުވާން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

އެމްޑީޕީން މަސައްކަތްކުރަނީ އިންސާފު ހޯދައި ދިނުމަށްކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ، ގެއްލުވާލާފައިވާ މީހުންނާއި މަރުގެ މައްސަލަތަކުގެ ހަގީގަތް ހޯދުމަށް އެޖެންޑާ 19 ގައި ކަނޑައަޅާފައިވާނެ ކަމަށެވެ. ގޭންގުތަކުގެ ހަރަކާތްތައް އެއްގޮތަކަށް ވެސް ބަލައި ނުގަނެވޭ ކަމަށާއި ނަމަވެސް، ގޭންގުތައް އުފެދެން މެދުވެރިވާ ސަބަބުތައް ދެނެގަންނަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

އޭޕްރީލް 6 ވަނަ ދުވަހު ބާއްވާ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވައިފި ނަމަ ރާއްޖެއަކީ ސުލުހަވެރި ތަނަކަށް ހައްދަވައި ދެއްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް