ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ އަންގާރަ ދުވަހު ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކޮމިޓީގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި ދިމާވަމުންދާ ދަތިތަކާއި، އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށްޓަކައި ކޮމިޓީން ރާއްވަވާފައިވާ ކަންކަމާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.
މިގޮތުން، މިހާރުވެސް ކޮމިޓީގެ އިސްނެންގެވުމާއެކު ކުރިއަށް ގެންދަވާ އެކިއެކި އިޖުތިމާއީ ހަރަކާތްތަކާއި، އަންހެނުންނަކީ ހުރިހާ ގޮތަކުންވެސް ބާރުވެރި، ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި ކޮމިޓީން ހިންގަވަން ރާއްވަވާފައިވާ ހަރަކާތްތަކާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ.
އަދި އެކި ގޮތްގޮތުން ކޮމިޓީއަށާއި އައްޑޫސިޓީގެ އަންހެނުންނަށް ކުރިމަތިވަމުން ދާ ގޮންޖެހުންތަކާ މެދު މެންބަރުންގެ ހުރި ކަންބޮޑުވުންތަކާބެހޭ ތަފުސީލީ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަންހެނުންގެ ކުރިއެރުމާއި، އަންހެނުން ބާރުވެރި ބަޔަކަށް ހެދުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއްކަން ފާހަގަ ކުރެއްވިއެވެ. އަދި އަންހެނުންނަށް ކުރިމަތިވަމުންދާ ތަފާތު ގޮންޖެހުންތައް ސަރުކާރުން އަބަދުވެސް ވަރަށް ގާތުން ބައްލަވައި، ހައްލު ހޯދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.