ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ދަށުން ހުޅުވުމަށް ހަމަޖެހިފައިވާ "އަމީނީ ސަންދަރެސް" ޖިމް ހުޅުވައިފިއެވެ.
އަންގާރަ ދުވަހުގެ ހަވީރު އަމީނީ ސަންދަރެސް ޖިމް އާންމު ބޭނުމަށް ހުޅުވާފައިވާއިރު މި ޖިމްގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހިލޭ ކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ވަނީ ބުނެފައެވެ.
24 ގަޑިއިރު ޚިދުމަތް ލިބޭ މި ޖިމުން މިފަދަ އެހެން ޖިމްތަކުން ލިބެން ހުންނަ ހުރިހާ ޚިދުމަތްތަކެއްވެސް ލިބޭނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.
އަމީނީ ސަންދަރެސް އާންމު ބޭނުމަށް ހުޅުވާލާފައިވާއިރު، މާލޭގެ އެކިއެކި ސަރަހައްދު ތަކުގައި މިފަދަ އިތުރު ޖިމްތަކެއް ހުޅުވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގަލޮޅު ސިޓީ ޕާކާއި، މަޖީދީމަގު ބޮނޑިބަތް ޕާކާއި، ސިނަމާލެ ބްރިޖު ސަރަހައްދުގެ އިތުރުން ކުރީގެ ވެސްޓްޕާކް ސަރަހައްދުގައިވެސް ޖިމް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.
ރައްޔިތުން ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދޭ ކަމެއް ކަމަށްވާއިރު އާންމު ރައްޔިތުންނަށް މިފަދަ ޚިދުމަތެއް ހިލޭ ފޯރު ކޮށްދެވިގެން ދިއުމަކީ އެތައް ބަޔަކަށް އެކަމުގެ ފައިދާ ކުރާނެ ކަމެއްކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.
އަދި މާލޭގައި ގިނަ ޖިމްތަކެއް ހުރި ނަމަވެސް ކޮންމެ ކޮންމެ މީހަކަށް ބޮޑުއަގެއް ދީގެން އެފަދަ ޖިމްތަކަށް ދިއުމަކީ އުނދަގޫ ކަމަކަށްވުމުން ރައްޔިތުންނަށް ހިލޭ މިފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަމަށް ދެކޭކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.
އަމީނީ ސަންދަރެސް ޖިމް ހުޅުވައިދެއްވީ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދެވެ.