އައްޑޫ ސިޓީގައި ލޯޑުމަތިވަމުންދާ ވަގުތުތަކުގައި އައްޑޫސިޓީގެ އެކި ހިސާބުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑެމުންދާނެ ކަމަށް ފެނަކަ ކޯޕްރޭޝަނުން ބުނެފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ނެރުނު އިޔުލާނެއްގައި ބުނީ އައްޑޫ ސިޓީއަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރަމުންދާ ޖަނަރޭޓަރު ސެޓްތަކުގެ ތެރެއިން 2 މެގަވޯޓްގެ ޖަނަރޭޓަރަކަށް މިމަހުގެ 20 ވަނަ ދުވަހުގެރޭ ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ. އަދި ލޯޑުމަތިވަމުންދާ ވަގުތުތަކުގައި އެކި ހިސާބުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑެމުންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެކޯޕަރޭޝަނުން ބުނީ ކަރަންޓުގެ ޚިދުމަތަށް ދިމާވި މައްސަލަ ހައްލުކޮށްދިނުމަށް ފެނަކަ އަދި ސްޓެލްކޯގެ އިންޖިނިއަރުންގެ ޓީމަކުން ކުޑަވަގުތުކޮޅެއްގެ ތެރޭގައި މަސައްކަތް ފެށިނަމަވެސް ދިމާވެފައިވާ މައްސަލައަކީ ބޮޑު މައްސަލައަކަށްވުމުން އެކަން ހައްލު ކުރެވެން އޮތީ ޖެންސެޓް ސަޕްލައި ކޮށްދިން ފަރާތުގެ އިންޖިނިއަރުންގެ އެހީތެރިކަން ލިބިގެން ކަމުގައިވާތީ އެފަރާތުގެ އިންޖިނިއަރުން ގެނައުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށެވެ.
މީގެ އިތުރުން ފެނަކައިން ބުނީ ކަރަންޓު ޚިދުމަތަށް ދިމާވި މައްސަލައާ ގުޅިގެން އެސިޓީގެ ގިނަ ރައްޔިތުން ތަހައްމަލް ކުރަމުންދާ ދަތި އުނދަގުލުން މިންޖުކުރުމަށް ވަގުތީ ހައްލެއް ހޯދައި ދިނުގެ ގޮތުން އެ ކުންފުނީގެ ފަރާތުން 1.2 މެގަވޯޓް އަދި 800 ކިލޯވޯޓުގެ 2 ޖެންސެޓާއި 2000 ކިލޯވޯޓު އަދި 1500 ކިލޯވޯޓްގެ 2 ޓްރާންސްފޯމަރ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.