ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ރާއްޖޭގެ ޓީވީ ޗެނަލެއްގެ ލައިވް ޕްރޮގްރާމެއްގައި ބައިވެރިވަޑައިގަތުމަށް ނިންމަވައިފިއެވެ.
ރާއްޖެޓީވީން ކޮންމެ ދުވަހަކު ހެނދުނު ގެނެސްދޭ "ފަށާއިރު" ޕްރޮގްރާމްގައި މި ހަފްތާގެ ބުދަ ދުވަހު ރައީސް ސޯލިހު ބައިވެރިވެ ވަޑައިގަންނަވާއިރު، މިއީ އެ މަނިކުފާނު ރައީސްކަމުގެ ހުވާ ކުރެއްވި ފަހުން ރާއްޖޭގެ ޓީވީ ޗެނަލެއްގެ ލައިވް ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
އެކަމާ ގުޅޭ ގޮތުން ރާއްޖެޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމް ވިދާޅުވީ، ބުރާސްފަތި ދުވަހަކީ ރައީސް ސޯލިހުގެ ވެރިކަމަށް 90 ދުވަސް ފުރޭ ދުވަސް ކަމަށާއި، ރައީސް ސޯލިހު މާދަމާގެ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަންނަވަނީ އެމަނިކުފާނުގެ ސަރުކާރަށް 100 ދުވަސް ފުރެން ބާކީ އޮތް 10 ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ކަމަށެވެ.
ނިއުސް އެންޑް ކަރަންޓް އެފެއާރޒް ޚަބަރުތައް ނުރަސްމީ އަދި ތަފާތު ގޮތަކަށް ގެނެސްދޭ މި ޝޯގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަތުމަށް ނިންމުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އާމިރު ސަލީމް ވިދާޅުވިއެވެ.
"ފަށާއިރު" ޕްރޮގްރާމަކީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި މެދުކެނޑުމެއް ނެތި ރާއްޖެޓީވީން ކޮންމެ ދުވަހެއްގެ ހެނދުނު 6:30 އިން 8:45 އަށް ގެނެސްދޭ ޕްރޮގްރާމެކެވެ. މިއީ ރާއްޖެޓީވީން ދައްކާ ޕްރޮގްރާމްތަކުގެ ތެރެއިން ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަޤުބޫލު ކަމެއް ލިބިފައިވާ ޝޯއަކަށްވާއިރު، ރައީސް ނަޝީދު ޖަލު ހުކުމަކަށް ފަހު ފުރަތަމަ ފަހަރަށް ރާއްޖޭގެ ލައިވް ޕްރޮގްރާމަކަށް ވަޑައިގެންނެވީ ވެސް "ފަށާއިރު" ޝޯއަށް ކަން ފާހަގަކޮށްލެވެއެވެ. އަދި މި ނޫނަސް ރާއްޖޭގެ މަޝްހޫރު ސިޔާސީ ލީޑަރުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންފައެވެ.