އެޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓްލާ މީހުންގެ ލިސްޓްގައި ސޮއިކުރުމުގެ ފުރުސަތު އިއްޔެ ހުޅުވާލާފައިވާއިރު، 386 ކެނޑިޑޭޓުންގެ ތެރެއިން މިހާތަނަށް ލިސްޓްގައި ސޮއިކޮށްފައިވަނީ އެންމެ 120 ކެނޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ވޯޓާރސް ލިސްޓްގައި ސޮއިކުރުމުގެ ފުރުސަތު އިއްޔެ ހުޅުވާލާފައިވާއިރު، ލިސްޓްގައި ސޮއިކުރުމުގެ މުއްދަތު ބުދަ ދުވަހުގެ 14.30ގެ ނިޔަލަށް ހަމަވާނެއެވެ. ލިސްޓްގައި ސޮއިކޮށް ނިންމުމުގެ ވަގުތު ކުޑަތަންވެފައިވާއިރު، ކެނޑިޑޭޓުން މި ކަމަށް ސަމާލުވެލެއްވުމަށް އީސީން ވަނީ އެދިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެންމެ ފޯރިއާއި އެކު ކެމްޕޭން ކުރަމުން އަންނަ، އެންމެ މެމްބަރުންގެ ގިނަ ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީން އިންތިޚާބުގައި 85 ދާއިރާއަށް ވާދަކުރާއިރު، ވޯޓްލާ މީހުންގެ ލިސްޓްގައި އެ ޕާޓީން މިހާތަނަށް ސޮއިކޮށްފައިވަނީ އެންމެ 35 ކެނޑިޑޭޓުން ކަމަށް އީސީން ވަނީ ބުނެފައެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީގެ 41 ކެނޑިޑޭޓުންގެ ތެރެއިން ލިސްޓްގައި 10 ކެނޑިޑޭޓުން ސޮއިކޮށްފައިވާއިރު، އަމިއްލަ 174 ކެނޑިޑޭޓުންގެ ތެރެއިން ލިސްޓްގައި ސޮއިކޮށްފައި ވަނީ 47 ކެނޑިޑޭޓުން ކަމަށް އީސީން ވަނީ ބުނެފައެވެ. ރައީސް ޔާމީން އިސްކޮށް ހުންނަވާ އުފެއްދެވި ޕީއެންސީގެ 22 ކެނޑިޑޭޓުންގެ ތެރެއިން ހަތް ކެނޑިޑޭޓަކު ލިސްޓްގައި ސޮއިކޮށްފައިވާއިރު، އަދާލަތު ޕާޓީގެ ނުވަ ކެނޑިޑޭޓުންގެ ތެރެއިން ލިސްޓްގައި ސޮއިކޮށްފައި ވަނީ ހަތަރު ކެނޑިޑޭޓުން ކަމަށް އީސީން ވަނީ ބުނެފައެވެ. އީސީން ބުނީ ލޭބާރ ޕާޓީގެ 10 ކެނޑިޑޭޓުންގެ ތެރެއިން ދެ ކެނޑިޑޭޓަކު ލިސްޓްގައި ސޮއިކޮށްފައިވާއިރު ، އެމްޑީއޭގެ އަށް ކެނޑިޑޭޓުންގެ ތެރެއިން ހުރިހާ ކެނޑިޑޭޓުން ވެސް ލިސްޓްގައި ސޮއިކޮށްފައިވާ ކަމަށެވެ. ކުރީގެ ނައިބް ރައީސް އަދީބް އިސްކޮށް ހުންނަވާ އުފެއްދެވި އެމްޓީޑީގެ އަށް ކެނޑިޑޭޓުންގެ ތެރެއިން އެންމެ ކެނޑިޑޭޓެއް ވެސް އަދި ލިސްޓްގައި ސޮއިކޮށްފައިނުވާ ކަމަށް އީސީން ވަނީ ބުނެފައެވެ. އީސީން ބުނީ ޑީއާރްޕީގެ ފަސް ކެނޑިޑޭޓުންގެ ތެރެއިން އެންމެ ކެންޑިޑޭޓެއް ވެސް އަދި ލިސްޓްގައި ސޮއިކޮށްފައިނުވާ ކަމަށެވެ.
Miyadhuge niyalah 386 candidates ge therein emme 120 candidate votes list ga soe kuree, adhives maadhamaa 1430 hrs ge niyalah furusathu ebaoi, samaalu ve lahvaa pic.twitter.com/Ej8gkRli1w
— Ahmed Shareef (@ShareefRangondi) March 25, 2019
އަންނަ މަހު ހަޔެއްގައި އޮންނަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 87 ދާއިރާއަށް 386 ކެނޑިޑޭޓުން ވާދަކުރެއެވެ. އިންތިޚާބުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާނެ 4634 އޮފިޝަލަކު ތަމްރީނުކުރުމުގެ މަސައްކަތް މި މަހުގެ 23 ވަނަ ދުވަހު އީސީން ވަނީ ފަށާފައެވެ.
އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވާއިރު، ޖުމްލަ 507 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ނިންމާފައެވެ.