ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ނ. ފުށިވެލަވަރުގައި ތަރައްގީކޮށް ހިންގަމުންދާ ރިސޯޓު, ވެލާ ޕްރައިވެޓް އައިލެންޑް ފަރާތުން 43 މިލިއަން ޑޮލަރު ހޯދުުމަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައިގެ އަޑުއެހުމެއް މިއަދަށް ތާވަލްކޮށްފިއެވެ.
ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓާ ދެކޮޅަށް ދައުވާކޮށްފައި ވަނީ ށ. ފޯކައިދޫ، އަހުމަދު އަޝްފާގު އެވެ. އޭނާ ހުށައަޅާފައިވަނީ، މަސައްކަތުގެ އަގާއި އަދި ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ވެލާ ރިސޯޓްގެ ފަރާތުން 43 މިލިއަން ޑޮލަރު ނަގައިދިނުމަށެވެ.
މި އަދު 10:15 އަށް ތާވަލްކޮށްފައިވާ މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗްގައި ހިމެނެނީ، ފަނޑިޔާރު އަބްދުﷲ އަރީފާއި، ފަނޑިޔާރު އާދަމް މުހައްމަދު ޢަބްދުﷲ އާއި ފަނޑިޔާރު ޢަބްދުލް ޣަނީ މުޙައްމަދެވެ.
މި މައްސަލައިގައި ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވަނީ، ގަސް ގަތުމުގެ މުއާމަލާތްތައް ކުންފުނިން ހިންގާފައިވާނީ ކުންފުނި ދަންނަ ފަރާތެއް ކަމަށްވާ މުހައްމަދު ސައީދާއެކު ކަމަށާއި، އަޝްފާޤަކީ ސައީދުގެ ސަބް ކޮންޓްރެކްޓަރެއް ކަމަށާއި، އެ މުއާމަލާތްތަކުގެ ތެރެއިން ދޭން ޖެހޭ ފައިސާ ހަމައަށް ދީފައިވާ ކަމުގެ ލިއެކިއުން ކުންފުނީގައި ހުރި ކަމަށެވެ.
ކުންފުނިން އަޝްފާޤާއެކު އެއްވެސް ބާވަތެއްގެ ވިޔފާރީގެ މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށާއި، އޭނާ ބަދަލު ހޯދަން ދައުވާކޮށްގެން އުޅެނީ ރިސޯޓްގެ އަގު ވައްޓާލުމަށް ކަމަށް ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބުނެ އެވެ.