އެމްޑީޕީން މަޖިލިސް މެޖޯރިޓީ ހޯދަން މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން ދިފާއު ކުރުމަށް ކަމަށް އެމްޑީޕީ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ވިސާމްގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ގަމު ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތައް މިހާރު އެނގިވަޑައިގަންނަވާ ކަމަށާއި އެކަންތައްތައް ހައްލުކުރެވޭނީ އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ލިބިގެން ކަމަށެވެ.
ރައީސް ކަމަށް އިބްރާހީމް މުހައްމަދު ސޯލިހް ހޮވިވަޑައިގެންނެވި ނަމަވެސް، މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ނުލިބިއްޖެ ނަމަ ރައްޔިތުން އެދޭކަންކަން ހާސިލްވެގެން ނުދާނެ ކަމަށް ވިސާމް ވިދާޅުވިއެވެ. އެމްޑީޕީން މަޖިލިސް މެޖޯރިޓީ ހޯދުމަށްޓަކައި މަސައްކަތް ކުރަނީ ރައީސް ސޯލިހްގެ ވެރިކަން ދީފާއު ކުރުމަށާއި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް އަކުރުން އަކުރަށް ފުއްދުމަށް ކަމަށް ވިސާމް ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބުގައި ގަމު ދާއިރާއަށް ވޯޓްލާ 1000 އަށްވުރެ މީހުން ރަށުން ބޭރުގައި ދިރިއުޅޭކަން ފާހަގަކުރައްވާ ވިސާމް ވިދާޅުވީ އެ ރައްޔިތުން ރަށުން ބޭރުގައި ދިރިއުޅެން މަޖުބޫރުވަނީ އެންމެ އަސާސީ ހިދުމަތްތައް ރަށުން ލިބެން ނެތުމުން ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމާއި ރަނގަޅު ތައުލީމީ ނިޒާމެއްގެ އިތުރުން ސިއްހީ ހިދުމަތް އެންމެ ރަނގަޅު ފެންވަރަކަށް ލިބެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ގަމުގެ މަގުތަކުގައި ތާރު އަޅާނެ ކަމަށާއި ގަމުގެ ކަރަންޓުގެ ފެންވަރު ތިން އަވަށުގައި ރަނގަޅު ކުރުމުގެ ގޮތުން އެއް ނެޓްވޯކަކުން ގުޅާލާނެ ކަމަށާއި ގަމުގައި ހައުސިންގ ޔުނިޓްތައް އަޅައި ސްޓޭޑިއަމްގެ މަސައްކަތް ވެސް އަވަހަށް ފެށިގެންދާނެ ކަމަށް ވިސާމް ވިދާޅުވިއެވެ.