Advertisement
ކ. މާލެ
|
25 މާރޗް 2019 | ހޯމަ 21:52
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމަށް އައްޔަންކުރެއްވި ތިން ބޭފުޅުން
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމަށް އައްޔަންކުރެއްވި ތިން ބޭފުޅުން
ރައީސް އޮފީސް
ވަޒީފާއާބެހޭ ޓްރައިބިއުނަލް
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމަށް ތިން ބޭފުޅަކު ޢައްޔަންކޮށްފި، ނައިބަކަށް އަލްއުސްތާޛާ އާމިނަތު ޢަބްދުﷲ ޒުހައިރު!
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ ނައިބު ރައީސްކަމަށް އައްޔަނު ކުރައްވާފައި ވަނީ އާމިނަތު ޢަބްދުﷲ ޒުހައިރު

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމަށް ތިން ބޭފުޅަކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އައްޔަންކުރައްވައިފިއެވެ. 

ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު) ގެ 89 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ފުލްޓައިމް މެންބަރުކަމަށް އައްޔަންކުރެއްވީ ހުވަދުއަތޮޅު ދެކުނުބުރި ތިނަދޫ ގެލަ، އަލްއުސްތާޛާ އާމިނަތު ޢަބްދުﷲ ޒުހައިރާއި، ފާދިއްޕޮޅު ހިންނަވަރު ހިޔާވަހި، އަލްއުސްތާޛާ ފާޠިމަތު މަހީރާ މުޙައްމަދާއި، ގަލޮޅު އޮށްޓަރު، އަލްއުސްތާޛު ޢަބްދުﷲ މިފްރާޒް ނިޒާރުއެވެ. 

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ފުލްޓައިމް މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން މި ތިން ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. އެ ބޭފުޅުންނަށް ހުވައިލައިދެއްވީ ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އަޙްމަދު ހައިލަމްއެވެ.

އެ ބޭފުޅުންގެ ތެެރެއިން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ ނައިބު ރައީސްކަމަށް އައްޔަނު ކުރައްވާފައި ވަނީ އަލްއުސްތާޛާ އާމިނަތު ޢަބްދުﷲ ޒުހައިރެވެ.

އާމިނަތު ޢަބްދުﷲ ޒުހައިރަކީ އިނގިރޭސިވިލާތުގެ ކިންގްސްޓަން ޔުނިވަރސިޓީ އިން މާސްޓަރސް އޮފް ލޯސް – އެލް.އެލް.އެމް. އެމްޕްލޯއިމެންޓް ލޯ ހާސިލް ކުރައްވާފައިވާ ފަރާތެކެވެ. މިއަދާ ހަމައަށް ހުންނެވީ ނޭޝަނަލް ޕޭ ކޮމިޝަނުގެ ލީގަލް ކޮންސަލްޓެންޓްގެ މަގާމުގައެވެ.

ފާޠިމަތު މަހީރާ މުޙައްމަދަކީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އިން ބެޗެލަރ އޮފް ލޯސް – އެލް.އެލް.ބީ. ލޯ، ޝަރީޢާ އެންޑް ލޯ ހާސިލް ކުރައްވައި، ޤާނޫނީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަރާތެކެވެ.

މިފްރާޒް ނިޒާރަކީ ކާޑިފް މެޓްރޮޕޮލިޓަން ޔުނިވަރސިޓީ އިން މާސްޓަރ އިން ބިޒްނެސް ލޯ ވިތް އެމްޕްލޯއިމެންޓް އެންޑް ހިއުމަން ރިސޯސަސް ހާސިލު ކުރައްވާފައިވާ ފަރާތެކެވެ. އަލްއުސްތާޛު ޢަބްދުﷲ މިފްރާޒް ނިޒާރު މީގެ ކުރިން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓަރގެ މަގާމާއި، ސުޕްރީމް ކޯޓުގެ ލީގަލް އެސިސްޓެންޓްގެ މަގާމު އަދާ ކުރައްވާފައެވެ. އަދި އަމިއްލަ ގޮތުން ޤާނޫނީ ވަކީލުކަންވެސް ކުރައްވާފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް