Advertisement
ކ. މާލެ
|
25 މާރޗް 2019 | ހޯމަ 12:20
ގްލޯބަލް މަނީ ވީކް ފެށުމަށް ބޭއްވި އެސެމްބްލީގެ ތެރެއިން
ގްލޯބަލް މަނީ ވީކް ފެށުމަށް ބޭއްވި އެސެމްބްލީގެ ތެރެއިން
ޓްވިޓަރ
ގްލޯބަލް މަނީވީކް 2019
ގްލޯބަލް މަނީ ވީކް ފަށައިފި
ރާއްޖޭގެ އެހެން ސަރަހައްދުތަކުގަ މިހަރަކާތްތައް ކުރިއަށް ގެންދާނެ
މާލީ ކަންތައްތަކަކީ ވަރަށް ކުޑައިރުއްސުރެ ދަސްކުރަންޖެހޭ ކަމެއް

ފަހަށް ރައްކާތެރި ކުރުމާއި ފައިސާއާ ގުޅުންހުރި ކަންކަމަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރަން "ގްލޯބަލް މަނީ ވީކް''ފަށައިފި އެވެ.

ހޯމަ ދުވަހު ހެނދުނު އިސްކަންދަރު ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި ގްލޯބަލް މަނީ ވީކް ފެއްޓަވައިދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ.

މިއެސެމްބްލީގައި ގްލޯބަލް މަނީ ވީކްއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން  މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު، އަހުމަދު ނަސީރު ވިދާޅުވީ، ފައިސާއާ ގުޅޭ ކަންތައްތަކަކީ ހަމަހަމަކަމާއެކު ހުރިހާ އެންމެނަށް ވެސް ލިބެންޖެހޭ އަސާސީ ހައްގެއް ކަމަށެވެ.

ނަސީރު ވިދާޅުވީ މިއަހަރުގެ ތެރޭގައި މާލޭގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދުތަކުގަ މިހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ގދ.ތިނަދޫ އާއި ލ. ފޮނަދޫ އަދި ހދ.ކުޅުދުއްފުށީގައި ވެސް ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް އެމްއެމްއޭއާ އަދި މާލީ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ މިހަރަކާތްތަކުގައި ވަރަށް ގިނަ ސްކޫލުތަކެއްގެ ބައިވެރިވުމާ އެއްބާރުލުން ލިބިގެންދާއިރު، މާލީ ކަންތައްތަކަކީ ވަރަށް ކުޑައިރުއްސުރެ ދަސްކުރަންޖެހޭ ކަމެއް ކަމަށެވެ.

ކުޑަ ކުދިންނަށް އިޝާރާތްކޮށް ނަސީރު ވިދާޅުވީ ޕޮކެޓް މަނީގެ ގޮތުގައި ލިބޭ ފައިސާއިން ހަރަދުތައް ހަމަޖައްސާ ހޭދަކުރެވޭ މިންވަރު ބަލަންޖެހޭ ކަމަށާއި، މިކަމަށް ހޭލުންވެރިވެ އަމަލުކުރުމަކީ މުޅި އުމުރުގައި އެކުއްޖާއަށް ފައިދާ ކުރުވާނެ ކަމެއް ކަމަށެވެ.

''ދިވެހި ޒުވާން ކުދިންނަށް ދަންނަވާލަން އޮތީ ކޮންމެ ކުއްޖަކީ ވެސް އަމިއްލަ މަސައްކަތުން ފައިސާ ހޯދައިގެން އާމްދަނީ ހޯދާ ކުއްޖަކަށް ވާންޖެހޭ. މަސައްކަތެއް ނުކޮށް ނުތިބުން. މަސައްކަތެއްކޮށްގެން އަމިއްލައަށް ފައިސާ ހޯދުން އެއީ ވަރަށް މުހިންމު ކަމެއް. މީގެ އިތުރުން ވެސް ދިވެހި ޒުވާނުންނަށް ޒުވާން އުމުރުގައި މުސްކުޅި އުމުރަށް ޓާގެޓްކޮށްގެން ޕްލޭން ކުރުން. ފަހަށް ރައްކާކުރުން އެއީ ވެސް ވަރަށް މުހިންމު ކަމެއްކަން،'' ނަސީރު ވިދާޅުވިއެވެ.

ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ރަސްމީކޮށް އިފްތިތާހުކޮށްފައިވާއިރު، މިއަދު ގްލޯބަލް މަނީ ވީކްގެ އޮފިޝަލް ވީޑިއޯ ވަނީ ލޯންޗުކޮށްފައެވެ. އިސްކަންދަރު ސްކޫލުގެ ދަރިވަރުން ވަނީ ފަހަށް ރައްކާކުރުމުގެ މުހިއްމު ކަމާ ގުޅޭ ކުރު ޑްރާމާއެއް ވެސް ހުށަހަޅައިފައެވެ.

ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް މި މަހުގެ 30 ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް