Advertisement
ކ. މާލެ
|
25 މާރޗް 2019 | ހޯމަ 11:44
ސެންޓަރ ފޯރ މެންޓަލް ހެލްތް ހުޅުވައިދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސެންޓަރ ފޯރ މެންޓަލް ހެލްތް ހުޅުވައިދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ރައިސް ސޯލިހު
ނަފްސާނީ ބަލީގެ ސްޕެޝަލިސްޓުންނަށް ވުމަށް ސްޓޫޑެންޓް ލޯން ސްކީމްގައި ބޮޑު އަދަދެއް ކަނޑައަޅާފައިވާނެ: ރައީސް ސޯލިހު
ނަފްސާނީ ގޮތުން ތަހައްމަލު ކުރަމުންދާ ބުރައަށް ކޮންމެވެސް ވަރެެއްގެ ލުއި ފަސޭހަ ކަމެއް ލިބޭނެ: ރައީސް
ނަފްސާނީ ބަލިތަކަށް ބޭނުންވާ ބޭސް ވެސް މަދުކަމަށް ރައީސް ވިދާޅުވި

ނަފްސާނީ ބަލީގެ ސްޕެޝަލިސްޓުންނަށް ވުމަށް ސްޓޫޑެންޓް ލޯނުގެ ބޮޑު އަދަދެއް ކަނޑައަޅާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. 

އައިޖީއެމްއެޗްގައި ގާއިމްކުރި ސެންޓަރ ފޯރ މެންޓަލް ހެލްތު ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ އެ ސެންޓަރަކީ ނަފްސާނީ ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ރަނގަޅު ފެށުމެއް ކަމަށާއި، އެފަރާތްތަކުން ތަހައްމަލު ކުރަމުންދާ ބުރައަށް ކޮންމެވެސް ވަރެެއްގެ ލުއިފަސޭހަ ކަމެއް ލިބޭނެ ކަމެއް ކަމަށެވެ. މި މަރުކަޒުގެ ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށް ސަރުކާރުން އިސްކަން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. 

''އެކަމަށްޓަކައި ތަޖުރިބާ ލިބިފައިވާ ޑޮކްޓަރުންނާއި، އެހެނިހެން ފަންނީ މީހުން ތަމްރީން ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެ. ދާދި މިދާކަށް ދުވަހު ސަރުކާރުން އިއުލާން ކުރި މަތީ ތައުލީމުގެ ލޯނު ސްކީމްގައި ވެސް ނަފްސާނީ ބަލީގެ ސްޕެޝެލިސްޓުން ތަމްރީނު ކުރުމަށް ބޮޑު އަދަދެއް ކަނޑައަޅާފައިވާނެ،'' ރައީސް ވިދާޅުވިއެވެ. 

ސިއްހީ ހިދުމަތް ދޭނެ ތަނެއް ގާއިމް ކޮށްގެން ނަފްސާނީ ބަލިތަކަށް ޝިފާއެއް ނުލިބޭނެ ކަމަށާއި، އެ ފަރާތްތަކަށް އާއިލާގެ ލޯތްބާއި އޯގާތެރިކަމުގެ އިތުރުން އެހީތެރިކަމުގެ މުހިއްމު ކަން ރައީސް ފާހަގަކުރެއްވިއެވެ. 

ރާއްޖޭގައި ނަފްސާނީ ބަލީގެ ތަޖުރިބާކާރުން މަދުކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، އެ ފަރާތްތަކަށް ދެއްކުމަށް އެތައް ބަޔަކު އަބަދުވެސް ކިޔޫގައި ތިބޭ ކަމަށެވެ. ނަފްސާނީ ބަލިތަކަށް ބޭނުންވާ ބޭސް ވެސް މަދުކަމަށާއި، ނަފްސާނީ ބަލިތަކުގެ ވާހަކަ މުޖުތަމައުގައި ދެއްކުމަކީ އެހާ ފަސޭހަކަމަށް ވެފައިނުވާ ކަމަށް ރައީސް ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ސެންޓަރެއް ގާއިމް ކުރެވިފައި ނެތުމަކީ ގިނަ ރައްޔިތުން ޝަކުވާ ކޮށްފައިވާ ކަަމެއް ކަމަށެވެ. ނެޝަނަލް މެންޓަލް ހެލްތް އިންސިޓިޓިއުޓެއް އުފައްދާ، ނަފްސާނީ ބަލިތަކަށްދެވޭ ފަރުވާ އާސަންދައިގެ ދަށުން ކަވަރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދު ތެރޭގައި ހިމެނޭ ވައުދެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް