ގއ. ދެއްވަދޫ ރައްޔިތުން ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ހުށަހަޅައިފިއެވެ.
އެ ރަށުގެ ރައްޔިތުން ބޭނުންވާ ކަންތައްތައް ރައީސަށް ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބުދަ ދުވަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެއްވަދޫ ކައުންސިލް މެމްބަރުންނެވެ. ކައުންސިލަރުން ވަނީ ދެއްވަދޫ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރަށުގެ މިހާރުގެ ހާލަތާއި ދެއްވަދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާބެހޭ މަޢުލޫމާތު ރައީސާ ހިއްސާ ކޮށްފައެވެ.
މީގެ ތެރޭގައި އެންމެ ބޮޑަށް ބޭނުންވާ އެއް ކަމަކީ ރަށުގައި ފެނާއި ނަރުދަމާ ޤާއިމުކުރުން ކަމަށާއި، ނަރުދަމާ ޤާއިމުކުރާއިރު ޓްރީޓްމަންޓް ޕްލާންޓެއް ވެސް ބޭނުންވާ ކަމުގައި ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން ވެސް ރަށުގެ ކަރަންޓުގެ ދަތިކަމާއި، ބަނދަރު ތޮށި މަރާމާތުކުރުމުގެ އިތުރުން ދެއްވަދޫއިން ގޯތި ދޫކުރެވޭނެ މަގު ތަނަވަސް ކޮށްދެއްވުމަށް ވެސް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންފައެވެ.
ކައުންސިލް މެންބަރުން އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، އެރަށުގައި ބޭންކިންގ ޚިދުމަތާއި ފުލުހުންގެ ޚިދުމަތް ބޭނުންވާ ކަމަށާއި، ފެރީ ޚިދުމަތް އިތުރަށް ރަނގަޅުކުރުމުގެ އިތުރުން، ދެއްވަދޫ ޞިއްޙީ މަރުކަޒުގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާކަމުގައި ވަނީ ފާހަގަ ކުރައްވާފައެވެ. އަދި، ކައުންސިލުން ވަނީ ޒުވާނުން ކުޅިވަރު ކުޅެން ބޭނުންކުރާ ފުޓްބޯޅަދަނޑު ތަރައްޤީ ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައެވެ.
މިބައްދަލު ކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދެއްވަދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.