އާސަންދަ ކުންފުނީގެ އާ ވެބްސައިޓް ލޯންޗު ކޮށްފިއެވެ.
އެކުންފުނީގެ އޮފީހުގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އާ ވެބްސައިޓް ލޯންޗުކޮށް ދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމާއި ދާދި ފަހުން ހަވާލުވެލެއްވި، މަރިޔަމް ޝަފީގާއެވެ.
އާސަންދަ އިން ބުނީ ، އާ ވެބްސައިޓް ލޯންޗު ކުރުމުގެ މަގްސަދަކީ މިހާރަށް ވުރެ ފަސޭހަކަމާއި، ހަލުވި ކަމާއެކު އާއްމު ރައްޔިތުންނަށް ކުންފުންޏާއި، ސްކީމުގެ މައުލޫމާތު ފޯރުކޮށްދީ ރައްޔިތުންނަށް ވީހާވެސް ގާތުން ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
އެކުންފުނީގެ އެވެއަރނެސް އެންޑް ކޮމިއުނިކޭޝަން ޑިޕާޓްމެންޓުން ޑިޒައިންކޮށް އިންފޮމޭޝަން ސިސްޓަމްސް ޑިޕާޓްމަންޓުން ޑިވެލޮޕްކޮށްފައިވާ މި ވެބްސައިޓުން، އާސަންދަ ސްކީމުގެ ދަށުން ހިދުމަތް ބޭނުންވާ ފޯމުތައް ފަސޭހަ ކަމާއިއެކު ލިބޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
ރާއްޖެއިން ބޭރުން އާސަންދައިގެ ހިދުމަތް ލިބޭނެ މަރުކަޒުގެ މައުލޫމާތުތައް ވެސް މި ވެބްސައިޓުން ލިބޭނެ ކަމަށް އާސަންދަ އިން ބުނެއެވެ.
ހުސްނުވާ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާ ހޯދުމަށް ފޮނުވޭނީ ރާއްޖެއިން ލިބެންނެތް ފަރުވާ ތަކަށެވެ. އަދި އެކަން ކަށަވަރު ކޮށްދެނީ ރާއްޖޭގައި ސްކީމްގެ ދަށުން ޚިދުމަތްދޭ މަރުކަޒުތަކުގައި ތިއްބަވާ ބައްޔާ ގުޅުންހުރި ޚާއްސަ ޑޮކްޓަރުން ފުރުއްވާ އާސަންދައިގެ ރިކޮމްންޑޭޝަން ފޯމް މެދުވެރިކޮށެވެ.
އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސްރީލަންކާގައި ދިރިއުޅޭ ހުރިހާ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ފަހުން ދިވެހިން އެންމެ ގިނައިން ދިރިއުޅޭ ގައުމުތަކަށް ހިދުމަތް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އާސަންދަ ކޮމްޕެނީ ލިމިޓެޑަކީ ދިވެހިރާއްޖޭގެ އިޖްތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުމަށްޓަކައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2011 ވަނަ އަހަރު ގާއިމްކޮށްފައިވާ ކުންފުންޏެކެވެ.