ސަރުކާރުގެ މަސްކުންފުނި، މިފްކޯގެ ދެ މިލިއަން ރުފިޔާ، ހެލްމެޓް އަޅައިގެން ތިބި ބަޔަކު ފޭރިގެންފައިވާ ކަމަށް އެކުންފުނީގެ ލޯކަލް ސޭލްސް އިންޗާރޖް އަހުމަދު ހާޝިމް ވިދާޅވެއްޖެ އެވެ.
ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ހާޝިމް ވިދާޅުވީ ބުދަ ދުވަހު ހެލްމެޓް އަޅައިގެން ދެ ސައިކަލްގައި އައި ހަތަރުމީހުން މިފްކޯގެ ވޭން ހުއްޓުވުމަށް ފަހު ކޯރާޑިއަކުން ބިއްލޫރިގަނޑުގައި ޖަހާ ބިއްލޫރި ގަނޑު ތަޅާލާ ދެމިލިއަން ރުފިޔާ ފޭރިގަނެފައިވާ ކަމަށާއި އެވަގުތު ވޭނުގައި ތިބީ ތިން މީހުން ކަމަށެވެ. އެއީ މިފްކޯގެ ދެ މުވައްޒަފަކާއި ޑްރައިވަރެވެ.
ހާޝިމް އިތުރަށް ވިދާޅުވީ މިފައިސާ ފޭރިގެންފައިވަނީ މިފްކޯއިން މަސްވެރިންނަށް ދިނުމަށްޓަކައި ބޭންކުން ނަގައިގެން މިފްކޯގެ ހެޑް އޮފީހުގައި ބެހެއްޓުމަށް ފަހު ފައިސާތައް ހިފައިގެން އެއާރޕޯޓައް ދާން ދިޔަ މަގުމަތީން ވިލާކޮލެޖާ ދިމާ، ބޭރު މަގުން ކަމަށެވެ.
މިހާދިސާގައި މިފްކޯގެ މުވައްޒަފަކަށާއި، ވޭން ދުއްވަން އިން ޑްރައިވަރަށް ވެސް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު ފަހު 3:00 ގައެވެ.
މީގެ އިތުރުން މާރިޗު މަހުގެ 10 ވަނަ ދުވަހު ހެލްމެޓް އަޅައިގެން ތިބި ބަޔަކު، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ދިޔަ މީހަކަށް ވަޅިން ހަމަލާދީ 2.3 މިލިއަން ރުފިޔާ ފޭރިގެންފައި ވެއެެވެ.
ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި ފޭރުން ވަރަށް ބޮޑަށް އާންމުވެފައިވާއިރު، ފުލުހުން ވަނީ ގިނަ އަދަދެއްގެ ފައިސާ އާއި ޗެކް ހިފައިގެންދާ ނަމަ، ފުލުހުންގެ ސެކިއުރިޓީއާ އެކު ނޫނީ ނުދިއުމަށް އިލްތިމާސްކޮށްފަ އެވެ.