އެމްޑީޕީގައި ސިޔާސީ މަސައްކަތް ކުރުމުގައި ނަމޫނާއަކަށް ބެއްލެވީ، ރައީސް އިބުރާހިމް މުހައްމަދު ސާލިހާއި ރައީސް މުހައްމަދު ނަޝީދުކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
މިފަހަރު ވެސް އިންތިޚާބުގައި ވާދަކުރައްވާ އިމްތިޔާޒު ވިދާޅުވީ އޭނާގެ ސިޔާސީ ޔުނިވަރސިޓީއަކީ ރައީސް ސާލިހާއި ރައީސް މުހައްމަދު ނަޝީދު ކަމަށެެވެ.
"އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި އަޅުގަނޑުގެ ޔުނިވަރސިޓީއަކަށް ދެބޭފުޅުން ވެދެއްވީތީ ޝުކުރު ދަންނަވަން" ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކުރުމަށް އަމީނިއްޔާ ސްކޫލްގައި ބޭއްވި ޖަލްސާގައި އިމްތިޔާޒު ވިދާޅުވި އެވެ.
އިންތި ވިދާޅުވީ ވޭތުވެދިޔަ ހަތް އަހަރަކީ ސިޔާސީ ގޮތުން ވަރަށް ނާމާން ބިރުވެރި ދުވަސްތަކެއް ކަމަށެެވެ. އެހެން ނަމަވެސް އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިވަޑައިނުގެން، ކޮރަޕްޝަންގެ ޒައްރެއްގެ މިންވަރުގައިވެސް ޖެހިވަޑައިގެންފައި ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުގައި ހުންނެވުމަށް ހިތްވަރު ލިބިވަޑައިގަތީ ރައީސް ސާލިހާއި ރައީސް ނަޝީދުގެ ކިބައިންކަމަށް ވެސް އިމްތިޔާޒު ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ގައުމަށާއި، މި ޖީލަށް އަދާކުރަމުން ދަނީ ބުރަ، ބޮޑު މަސްއޫލިއްޔަތެއް ކަމަށާއި، އަލަށް އެކުލަވާލެވުނު ރައްޔިތުންގެ މި ސަރުކާރު ދެމި އޮތުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މަޖިލީހުގެ ތެރެއިން ކުރައްވާނެކަމަށް އިމްތިޔާޒު ވިދާޅުވި އެވެ.
"އެކަކު އަނެކަކުގެ ކިބައިން ލިބުނު ހިތްވަރުން އަޅުގަނޑުމެން ސާބިތު ކަމާއެކުގައި ދެމި ތިބީ. އެ މަސައްކަތުގެ ނަތީޖާއަކަށްވީ އަޅުގަނޑުމެން ބޭނުންވާ ފަދަ ހެޔޮ ވެރިކަމެއް ގާއިމުވުން. މިފުރުސަތު ނަގާލައި ދޫކޮށްލާ، މި ފުރުސަތު ބީވެ ދިއުމުގެ ޗާންެސެއް ދެން އަޅުގަނޑުމެން ނުދޭނަން" އިމްތިޔާޒު ވިދާޅުވިއެވެ.
ރައްޔިތުންނާއި ހަމައަށް އެމްޑީޕީން އަންނަނީ، ހެޔޮ ރަނގަޅު ގޮތްތަކަކާއި އެކުގައިކަން ފާހަގަ ކުރައްވާ އިމްތިޔާޒު ވިދާޅުވީ އެމްޑީޕީން 19 ވަނަ މަޖިލީހަށް ނުކުމެ ތިބީ މެނިފެސްޓޯއަކާއި ފުއްދައިދެވޭނޭ ވައުދުތަކާއި އެކުގައިކަމަށެވެ.