ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއަކީ ފަސްޖެހިލެއްވުމެއް ނެތި ކޮންމެ ކަމަކަށް ކުރިމަތިލައްވާ ކަނބަލެއް ކަމަށާއި، ސިޔާސީ ހަޔާތް ކުރިއަށް ގެންދަން ބޭނުންވަނީ އީވާއާ އެކުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގަލޮޅު އުތުރު ދައިރާގެ އެމްޑީޕީ ކެންޑިޑޭޓް އީވާ އަބްދުﷲގެ ކެމްޕެއިން ޖަލްސާގައި ހޯމަ ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ވައުދުތައް ފުއްދުމަށް މަޖިލީހުގައި ތިބެންޖެހޭނީ ސަރުކާރުގެ ވައުދުތަކަށް ތާއީދު ކުރައްވާ ބޭފުޅުން ކަމަށާއި، ނަޒާހަތްތެރި މަޖިލީހެއް ބޭނުން ނަމަ އެ މަޖިލީހެއްގައި އީވާ އިންނަވަންޖެހޭނެ ކަމަށެވެ.
" އެމްޑީޕީ މިހިސާބަށް އައިސްފައި މިއޮތީ ވަރަށް ގިިނަ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން، އަދި ވަރަށް ބޮޑެތި ދަތިތަކެއްވެސް އަޅުގަނޑުމެންނާ ކުރިމަތިވި، އޭގެތެރެއިން ވޭތުވެދިޔަ 4 އަހަރު ދުވަހަކީ އޭގެ އެއް ދުވަސްވަރު، އެ ދުވަސްވަރުގެ ތެރޭގައި އެންމެ ބުރަކޮށް އެންމެ ހީވާގިކަމާއެކު ޖެހިިލުމެއްނެތި މަސައްކަތް ކުރެއްވި އެއް ބޭފުޅެއް އީވާއަކީ، ޚާއްސަކޮށް އަޅުގަނޑުމެންގެ ފޮރިން ރިލޭޝަންސް ކޮމިޓީގައި ރާއްޖޭގައި ހިނގާ ކަންތައްތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށްޓަކައި މަސައްކަތް ކުރައްވަވައި، ރެއާ ދުވާލު، ބުރަކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅެއް އީވާއަކީ، ހަމަގައިމުވެސް އެކަންތައްތަކެއް އަޅުގަނޑު ހަނދާނަކުން ދުވަހަކުވެސް ފުހެވިގެންނެއް ނުދާނެ، އަޅުގަނޑުގެ ސިޔާސީ ހަޔާތް ކުރިއަށްދާނީ އީވާއާ އެއްކޮށް، " ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މަޖިލީހުގައި ވޭތުވެ ދިޔަ 10 އަހަރު އީވާ އާއެކު މަސައްކަތް ކުރައްވާފައިވާ ކަމަށާއި، އީވާއަކީ ދިމާވި ކޮންމެ ދަތިކަމެއްގައި ވެސް އެމަނިކުފާނަށް އެހީތެރިވެދެއްވައި، ކުރަން ޖެހުނު ކޮންމެ ކަމެއް ޖެހިލުންވުމެއް ނެތި ކުރައްވާ ފަރާތެއް ކަމަށެވެ. އެގޮތުން 19 ވަނަ މަޖިލީހުގައި އެކަމަނާ އިންނެވުމަށް އެމަނިިކުފާނުގެ ފުރިހަމަ ތާއީދު އޮތް ކަމަށާއި، މަޖިލީހަށް އީވާ ހޮއްވަވައިދެއްވުމަށް ރައީސް ސޯލިހު އެދިވަޑައިގެންފައިވެއެވެ.
އޭގެ އިތުރުން، ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުން ރިޔާސީ އިންތިހާބުގައި ކުރެއްވި ތާއީދަށް ޝުކުރު އަދާ ކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނު އިންތިހާބު ކުރުމުގައި ގިނަ ފަރާތްތަކެއްގެ ބައިވެރިވުން އޮތް ކަމަށާއި، އޭގެ ތެރެއިން އެއްވެސް ފަރާތެއް ބާކީ ނުކުރައްވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ގިނަ ދަތިތަކެއް ކުރިމަތިވިކަން ފާހަގަކުުރައްވައި ރައީސް ވިދާޅުވީ، މިއަދު ބޭނުން ވަނީ އިތުރު ހިތްވަރަކާއެކު، މަޖިލީހުން ފާސްކުރާ ޤާނޫނުތަކަށް ބާރުދިނުމަށް މަސައްކަތް ކުރާނެ މެމްބަރުންތަކެއް މަޖިލީހަށް ހޮވުމަށް މަސައްކަތް ކުރުން ކަމަށެވެ.