އަވަށްޓެރި އިންޑިއާއިން ރާއްޖެއަށް ކްރެެޑިޓް ފެސިލިޓީގެ ގޮތުގައި ދޭން ހަމަޖެހިފައިވާ 800 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ރާއްޖެ ސަރުކާރާއި އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެކްޒިމް) ބޭންކާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރްއެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެކްޒިމް ބޭންކްގެ ޗީފް ޖެނެރަލް މެނޭޖަރ ސުދައްތާ މަންޑަލްއެވެ.
މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރްގެ އިތުރުން ރާއްޖޭއިން އިންޑިއާ އަށް ކަނޑައަޅުއްވާފައިވަ ސަފީރު އާއިޝަތު މުޙައްމަދު ދީދީ ވެސް ވަނީ ބައިވެރިވެވަޑައިިގެންފައެވެ.
އިންޑިއާ އިން ރާއްޖެއަށް 800 ޑޮލަރު ދޭގޮތަށް ނިންމާފައިވަނީ ރައީސް ސޯލިހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައެވެ. އެ ފައިސާއަކީ ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ޕްރޮޖެކްޓްތައް އިންޑިއާ ސަރުކާރަށް ހުށަހެޅުމުން ، އިންޑިޔާގެ އެގްޒިމް ބޭންކު މެދުވެރިކޮށް ދިނުމަށް ނިންމާފައިވާ ލޯންތަކެއް ކަމަށް މިނިސްޓަރު އަމީރު ވަނީ ވިދާޅުވެފައެވެ.