ޓެކްސް އާއި ގުޅޭ ގޮތުން މަޖިލީހުން ފާސްކުރި އިސްލާހަކީ ސަރުކާރަށް މާލީ ގޮތުން ޖެއްސުން ކުރުމުގެ ބޭނުމުގައި ފާސްކުރި އިސްލާހެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ ގަވައިދުގެ 71 ވަނަ މާއްދާގެ (ށ) ގައި އޮންނަ ގޮތުން ޓެކްސް ނެގުމަށް ނުވަތަ ޓެކްސް އުނި ކުރުމަށް ހުށަހަޅާ ބިލުތައް ހުށަހަޅާނީ ސަރުކާރު ފަރާތުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި އެކަމަށް ބަދަލުގެނެސް ، އެ މާއްދާ އުވާލަން ވަނީ ފާސްކޮށްފަ އެވެ. ގަވާއިދަށް މިހާރު ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ، ޓެކްސް އާއި ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށް ވެސް އިސްލާހު ހުށަހެޅިދާނެއެވެ.
ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ވަނީ އާންމު ކޮމިޓީން ފާސްކުރި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުގެ ތަޅުމުން ވެސް ފާސްކޮށްފައެވެ. ސަރުކާރު ކޯލިޝަނުން އެ ރިޕޯޓާއި ދެކޮޅަށް ވޯޓް ދެއްވީ އެމްޑީޕީގެ 15 މެމްބަރުންނެވެ.
އާންމުކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޕީޕީއެމްގެ ހަތަރު މެމްބަރުންނާއި، އެމްޑީޕީގެ ތިން މެމްބަރުންނާއި، ޖޭޕީގެ ތިން މެމްބަރުންގެ އިތުރުން، އެމްޑީއޭގެ މެމްބަރެކެވެ.
މަޖިލިސް މިހާރު ހިނގަމުންދާ ގޮތާއި ގުޅޭ ގޮތުން އެމްޑީޕީގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން މަޖިލިސް އިދާރާ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވީ ޓެކްސް އާއި ގުޅޭ ގޮތުން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލަކީ ސަރުކާރަށް މާލީ ގޮތުން ޖެއްސުން ކުރުމުގެ ގޮތުން ގެނައި ބަަދަލެއް ކަމަށެވެ. ޓެކްސް އާއި ގުޅޭ ގޮތުން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލަކީ ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ކަންތައް ހުއްޓުމަކަށް ގެނައުމުގެ ގޮތުން ކުރެއްވި ކަމެއް ކަމަށް އަސްލަމް ވަނީ ތުހުމަތު ކުރައްވާފައިވެއެވެ.
އަސްލަމް ވިދާޅުވީ ޖޭޕީއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއަކަށްވީ ކަމުގައިވީ ނަމަވެސް ، މަޖިލީސް ތެރެއިން ކުރާ މަސައްކަތުގައި ޖޭޕީގެ އެއްބާރުލުން އެމްޑީޕީއަށް ލިބެމުންނުދާ ކަމަށެވެ.