ފެނަކައިގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހުށަހެޅި މައްސަލައަކާއި ގުޅިގެން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފެނަކައިގެ އިސްވެރިން ހާޒިރުކުރަން ނިންމައިފިއެވެ.
ހޯމަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ނިންމާފައިވަނީ އަންގާރަ ދުވަހުގެ ދޭއް ޖަހާއިރަށް ފެނަކައިގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކުރުމަށެވެ. ފެނަކަ ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައިވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފް ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެންނެވެ. އަލީ އާރިފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ މަގްބޫލް އުޒުރެއް ނެތި ފެނަކައިގެ ގިނަ މުވައްޒިފުންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަކި ކުރަމުންދާ ކަމަށެވެ. މިހާތަނަށް ފެނަކައިގެ 80 މުވައްޒިފުން ވަކިކޮށްފައިވާ ކަމަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މެމްބަރުންވަނީ ބުނެފައެވެ.
އާރިފް ހުށަހެޅުއްވި މައްސަލައަށް ތާއީދު ކުރައްވާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރުން ވިދާޅުވެފައިވަނީ ކޮމިޓީއަށް ފެނަކައިގެ އިސްވެރިން ހާޒިރުކުރަން ފެންނަ ކަމަށެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އާ ސަރުކާރުން ފެނަކަ އާއި ހަވާލުވިއިރު، ކުންފުނި އޮތް ހާލަތު ބަލަން ބޭނުންވާ ކަމަށެވެ. ރޮޒައިނާ ވިދާޅުވީ އާ ސަރުކާރުން ފެނަކަ އާއި ހަވާލުވިއިރު، ކުންފުނީގެ މާލީ ހާލަތު އޮތް ގޮތާއި ، ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް އަޑުއިވިވަޑައިގެންފައިވާ ކަމަށެވެ.
އާ ސަރުކާރުން ފެނަކަ އާއި ހަވާލުވެވަޑައިގެންނެވިއިރު، ކުންފުނީގެ އެކައުންޓްގައި ހުރީ އެންމެ 80000 ރުފިޔާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި، އެފަދަ ބޮޑު ކުންފުންޏެއްގެ އެކައުންޓްގައި އެންމެ 80000 ރުފިޔާ ހުރުން އެއީ ކުންފުނި އޮތް ގޮތް ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމެއް ކަމަށެވެ. ނުގަވާއިދުން އެތައް ބަޔަކަށް ސިޔާސީ މަންފާއެއް ހާސިލް ކުރުމުގެ ވަޒީފާ ދީފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"ފެނޭ ހަމަ ކުރީ ސަރުކާރުން ފެނަކަ އަށް ހަދާލާފައި އޮތް ގޮތް ބަލަން. ފެނަކަ ވައްޓާލާފައި އޮތް ހާލަތު ބަލަން. ކޮމިޓީއަށް ފެނަކަ ގެންނަންވީ ހަމަ. ގެނެސް ހަމަ ސުވާލުކުރަންވީ. އަޅުގަނޑުމެން ތި ކަމަށް ހަމަ ތާއީދު ކުރަން" ރޮޒައިނާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ރިޔާސީ އިންތިޚާބާއި ދިމާކޮށް ފެނަކަ އަށް ގިނަ އަދަދެއްގެ މުވައްޒިފުން ވޯޓް ހޯދުމުގެ ބޭނުމުގައި ވައްދާފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.