މާލޭ މަގުތަކުގައި ފެން ހިންދުމުގެ މައްސަލަ ކުރިމަތިވާތީ އެންމެ ދިގު މުއްދަތަކަށް މަގުތައް ނުކޮނެ ބޭނުން ކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތުގެ ދަށުން މަޖީދީމަގާއި ބޮޑުތަކުރުފާނު މަގު ފިޔަވައި ހުރިހާ މަގެއް ތަރައްގީ ކުރުމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ރާއްޖެއެމްވީއަށް ވިދާޅުވީ މާލޭގެ މަގުތައް ހަދާފައިވާ ގޮތުން އިރުއިރުކޮޅާ ކޮންނަން ޖެހޭ ކަމަށާއި އެ ކަންތައްތައް ހުއްޓޭނީ ނުކޮނެވޭ ގޮތަށް ދުވާރަށް "ޕައިޕްލައިންތަކެއް" ލައިގެން ކަމަށެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ އާއި މަގުތަކުގައި ހުރި އެހެން މައްސަލަތައް ދެނެގަތުމަށް ކަމާ ގުޅޭ ބޭރުގެ ކޮންސަލްޓަންޓެއް މި މަހުގެ ތެރޭގައި ރާއްޖެ އަންނަން ހަމަޖެހިފައިވާއިރު އެންމެ ދިގު މުއްދަތަކަށް މަގުތައް ނުކޮނެ ބޭނުންކުރެވޭނޭ ގޮތް ހަދަން ހަމަޖެހިފައި ވަނީ ކޮންސަލްޓަންޓްގެ ލަފާގެ މަތިން ކަމަށް ޝިފާ ވިދާޅުވިއެވެ. ޝިފާ ވިދާޅުވީ މަގުތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ ކޮންސަލްޓަންޓުގެ ލަފާގެ މަތިން ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ މާލޭގެ މަގުތަކުގެ ފެން ހިންދުމުގެ އިޝޫ އެއީ ވަރަށް ބޮޑު އިޝޫއެއް. އެގޮތަށް އެވަނީ އިރުއިރުކޮޅާއި މަގުތައް ކޮނެ. ކޮންނަން ޖެހެނީ ހޮޅިތައް ނުލާ ހުރުމުގެ ސަބަބުން. ބޭރުގެ ކޮންސަލްޓަންޓެއް މި މަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާނެ. އަޅުގަނޑުމެން ބޭނުންވަނީ އެންމެ ޑިއުރަބަލް ގޮތަކަށް ނުކޮނެ ކަންތައްތައް ކުރުން،" ޝިފާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ މަގުތަކުގައި ތާރު އަޅާނީތޯ ނުވަތަ ނޫންތޯ ނިންމާނީ ކޮންސަލްޓެންޓްގެ ލަފާގެ މަތިން ކަމަށެވެ. މާލޭގައި ތާރުއަޅާފައި ވަނީ ބޮޑުތަކުރުފާނު މަގުގެ ބައެއްގަ އާއި އިންޑަސްޓްރިއަލް ވިލެޖަށް ދާން އޮންނަ އިއްޒުއްދީން މަގުގައެވެ.
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފު ރާއްޖެއެމްވީއަށް ވިދާޅުވީ މަޖީދީމަގާއި ބޮޑުތަކުރުފާނު މަގު މިދިޔަ ސަރުކާރުން ވަނީ ހަދާފައި ކަމަށާއި އެނޫން ހުރިހާ މަގެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށެވެ. އަދި އަންނަ މަހުގައި އަންނަ ކޮންސަލްޓަންޓުގެ އެހީގައި ކޮންނަން ނުޖެހޭ ގޮތަށް އަލުން މަގުތައް ހެދޭގޮތަށް މަޝްވަރާ ކުރާނެ ކަމަށާއި ބަލާނީ ފެންފަށަލައަށް ގެއްލުން ނުވެ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް އެމަސައްކަތް ކުރިއަށް ގެންދެވޭނޭ ގޮތެއް ކަމަށެވެ. އަދި މާލޭގެ މަގުތަކުގައި ތާރު އަޅާނީތޯ ނޫންތޯ ނުނިންމަވާ ކަމަށާއި އެ ގޮތް ނިންމާނީ ދިރާސާ ކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭގެ މަގުތަކުގައި އަޅާފައި ހުރި "ޑީވޯޓަރިން" ނުވަތަ ޢިމާރާތްކުރުމަށް ކޮންނަ ތަންތަނުން ބޭރުކުރާ ފެން ދައުރު ކުރުމަށް އަޅާފައިވާ ހޮޅިތައް ސިޓީ ކައުންސިލުން ވަނީ ނަގަން ފަށާފައެވެ.