ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭ އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިންގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެފަދަ ފަރާތެއްގެ ކެމްޕެއިންގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށާއި، އެފަދަ ތުހުމަތެއް އެމްޑީޕީގެ ކެންޑިޑޭޓެއްގެ މައްޗަށް ކުރެވިއްޖެ ނަމަ އެ ބޭފުޅަކު އަމިއްލައަށް އެފަދަ ކަމެއް ނުކުރުމަށް އެއްބަސްވެ އެކަމަށް މާފަށް އެދުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.
Geveshi aniyaa ah thuhumath kurevey meehehge campagin gai alhugan’duu baiverieh nuvaanan.MDP ge candidate akah efadha kamakah thuhumath kurevey nama eybeyfulhaku amillafulhah efadha kameh meege fahun nukurumah ebbas vumaieku, ekamah ma-aafah edhumah alhugan’du varah edhen
— Mohamed Nasheed (@MohamedNasheed) March 18, 2019
ނަޝީދު އެހެން ވިދާޅުވެފައި ވަނީ ތިނަދޫ ދެކުނު ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓް އަބްދުުލް މުޢުނީގެ މައްޗަށް ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވި އެކަން އެ ޕާޓީން ބެލުމަށް ފަހު މުޣުނީއަށް ކޮށްފައިވާ ތާއީދު އަނބުރާ ގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ. އެ ގޮތުން އެމްޑީޕީއަކީ އަންހެނުންގެ ހައްޤުތަކަށް ވަކާލާތު ކުރާނެ ޕާޓީއެއް ކަމަށާއި، އެ ޕާޓީގެ އަސާސްތަކާ ޚިލާފު ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާތީ، މުޣުނީއަށް ކުރި ތާއީދު އަނބުރާ ގެންގޮސްފައިވާ ކަމަށް އެޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވެސް ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީއަކީ އަބަދުވެސް އިންސާނީ ހައްޤުތަކާއި، އަދި ޚާއްސަކޮށް އަންހެނުންގެ ހައްޤުތައް ރައްކާތެރި ކުރުމަށް، އަޑުއުފުލާ މަސައްކަތް ކުރަމުން ގޮސްފައިވާ ޕާޓީއެއް ކަމަށާއި، އެޕާޓީގެ އަސާސްތަކާއި އުސޫލުތަކާ ޚިލާފަށް އެއްވެސް ކަމެއްް ހިނގާފައިވާ ނަމަ ނުވަތަ ސީރިއަސް ތުހުމަތެއް ކުރެވުނު ނަމަވެސް އެޕާޓީން އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައެވެ.