ސިޓީ ކައުންސިލްތަކުގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފިއެވެ.
ހޯމަ ދުވަހު ބޭއްވި މާލިއްޔަތު ކޮމެޓީއިން ފާސްކޮށްފައިވަނީ އެވަގުތު ހާޒިވެ ވަޑައިގެން ތިއްބެވި ހަތަރު މެމްބަރުންގެ ވޯޓުންނެވެ. އެއީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއާއި، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވަނީ ވޯޓު ދެއްވާފައެވެ.
ފުވައްމުލަކުއުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ހުށައެޅުއްވީ ސިޓީ ކައުންސިލްގެ މުސާރައިގެ ތެރެއިން މޭޔަރަށް ލިވިންގ އެލަވަންސާއިއެކު 40،000ރ. ޑެޕިއުޓީ މޭޔަރަށް ލިވިންގ އެލަވަންސާއި އެކު 35،000ރ. އަދި މެމްބަރުންނަށް ލިވިންގ އެލަވަންސާއިއެކު 30،000ރ ދިނުމަށެވެ.
ސިޓީ ކައުންސިލްތަކުގެ މުސާރަ ދަށްކޮށްފައިވަނީ ވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއިންނެވެ. އެކޮމެޓީއިން 5 އޮކްޓޯހބަރ 2015 ވަނަ ދުވަހު ނިންމި ނިންމުމުގައި ވަނީ ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތަކުން 50 ޕަސެންޓް އުނިކުރުމަށެވެ.
އެނިންމުމާއެކު މިއަދާއި ހަމައަށް ސިޓީ ކައުންސިލްތަކުގެ މެމްބަރުންނަށް މަހެއްގެ މައްޗަށް ލިބެނީ ލިވިންގ އެލަވަންސާއި އެކު 18،000ރ އެވެ. އަދި މަހެއްގެ މައްޗަށް މުސާރައިގެ ގޮތުގައި ސިޓީ ކައުންސިލްގައި ހިމެނޭ ޑެޕިއުޓީ މޭޔަރަކަށް ލިބޭނީ 14،000 ރުފިޔާ އެވެ. މީގެ އިތުރުން ސިޓީ ކައުންސިލް ތަކުގެ މެންބަރުންގެ މުސާރަ 11،500ރ. އެވެ.
ދެން އޮންނާނީ މަޖިލީހުގެ ތަޅުމުގައި މި ނިންމުމަށް ވޯޓަށް އެހުމެވެ.