ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓް އަބްދުލް މުޢުނީއަށް އެޕާޓީން ކުރި ތާއީދު އަނބުރާ ގެންގޮއްސިއެވެ.
ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، އެމްޑީޕީއަކީ އަންހެނުންގެ ހައްޤުތަކަށް ވަކާލާތު ކުރާނެ ޕާޓީއެއް ކަމަށާއި، އެ ޕާޓީގެ އަސާސްތަކާ ޚިލާފު ސީރިއަސް ތުހުމަތު ތަކެއް ކުރެވިފައިވާތީ، މުޢުނީއަށް ކުރި ތާއީދު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
"ވަރަށް ފަހަކަށް އައިސް ސޯޝަލް މީޑިއާގައާއި ބައެއް ނޫސްތަކުގެ ހެޑްލައިންތަކުގައިވެސް މިހާރު ފެނިގެން އެބަދޭ އެމްޑީޕީގެ ކެނޑިޑޭޓަކަށް ގެވެށި އަނިޔާގެ ތުހުމަތު، ވަރަށް ސީރިއަސް ތުހުމަތުތަކެއް، ކުރެވިފައިވާތަން، މިކަމާމެދު އަޅުގަނޑުމެން ޕާޓީގެ ތެރެއިން މަޝްވަރާކޮށް ނިންމިފައިވަނީ އެމްޑީޕީން ތިނަދޫ އުތުރުގެ ކެނޑިޑޭޓަށް ކޮށްފައިވާ ތާއީދު އަނބުރާ ގެންދިއުމަށް، އަދި އެ ކެނޑިޑޭޓުގެ އެެއްވެސް ކެމްޕެއިން ހަރަކާތެއްގައި ރައީސް ނަޝީދުވެސް އަދި އެހެން ބޭފުޅެއްވެސް ބައިވެރިވެ ވަޑައިނުގަންނަވާނެ،" އަފްޝަން ވިދާޅުވިއެވެ.
އަފްޝަން ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް އިންސާނީ ހައްޤުތަކާއި، ކަރާމާތާ، އަދި ޚާއްސަކޮށް އަންހެނުންގެ ހައްޤުތައް ރައްކާތެރި ކުރުމަށް، އަޑުއުފުލާ މަސައްކަތް ކުރަމުން ގޮސްފައިވާ ޕާޓީއެއް ކަމަށާއި، އެޕާޓީގެ އަސާސްތަކާއި އުސޫލުތަކާ ޚިލާފަށް އެއްވެސް ކަމެއްް ހިނގާފައިވާނަމަ ނުވަތަ ސީރިއަސް ތުހުމަތެއް ކުރެވުނު ނަމަވެސް އެޕާޓީން އެކަމަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
Rayyithunge Majlis 2019
— MDP Secretariat (@MDPSecretariat) December 12, 2018
MDP Primary ge GDh.Thinadhoo Uthuru Dhaaira ah vaadha kurevvumah Abdul Mughnee @MDPSecretariat ah Form husha’alhuvvaifi pic.twitter.com/4GD5ZvtrC6
ތިނަދޫ އުތުރު ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ ކެނޑިޑޭޓު އަބްދުލް މުޢުނީއަށް އެޕާޓީން ކުރި ތާއީދު އަނބުރާ ގެންގޮސްފައިވާއިރު، އެ ދާއިރާއަށް އެމްޑީޕީން ތާއީދުު ކުރާނެ ފަރާތަކާމެދު އަދި ވަކި ގޮތެއް ނުނިންމަވާކަމަށް އަފްޝަން ވިދާޅުވިއެވެ.
މުޢުނީގެ އިތުރުން އެ ދާއިރާއަށް ވާދަކުރަނީ ދެ ކެނޑިޑޭޓަކު އެވެ. އެއީ މިހާރުވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވަމުންގެންދަވާ ސައުދުﷲ ހިލްމާއާއި، އިކްލީލް އާދަމް އެވެ. އެ ދެ ކެނޑިޑޭޓުންވެސް ވާދަކުރަނީ އަމިއްލަގޮތުންނެވެ.