މަޖިލީހުގެ ރައީސް، ހިތު ހުރި ގޮތަކަށް މަޖިލީހުގެ މަސައްކަތް ކުރިއަށް ނުގެންދެވުމަށް މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް ގޮވާލައްވައިފިއެވެ.
ސަރުކާރުގެ އިސް މަގާމުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް ހުށަހަޅާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އާންމު ކޮމިޓީން ގެނައި އިސްލާހަށް ވާހަކަދައްކަވަމުން އަލީ އާޒިމް ވިދާޅުވީ، އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި އަމަލުކުރަންޖެހޭ ގޮތަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހަޅާފައި އޮންނަތާ ތިން އަހަރު ފަހުން ކުއްލިއަކަށް އެ މައްސަލަ މަޖިލީހުގެ ރިޔާސަތުން ކޮމިޓީއަށް ފޮނުވައިގެން މަސައްކަތް ކުރެއްވުމަކީ މަޖިލީހުގެ ރިޔާސަތުން އަމަލުކުރައްވަންޖެހޭ ގޮތް ނޫން ކަމަށެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައެވެ. އެ މައްސަލަ މަޖިލީހަށް އެޖެންޑާ ނުކޮށް މަޑުޖައްސާލާފައިވަނީ، އެއީ މަޖިލީހުގެ ގަވާއިދަށް ނުފެތޭ މައްސަލައަކަށް ވާތީއެވެ.
އާޒިމް ވިދާޅުވީ މަޖިލީހުގެ ގަވާއިދު މަޖިލިސް ފެށޭތާ، ތިން މަސްދުވަސް ތެރޭ އެކުލަވާލަން ޖެހޭ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން ހުށަހެޅިތާ ތިން އަހަރު ފަހުން، ކުއްލިއަކަށް މަޖިލީހުގެ ރިޔާސަތުން ސީދާ ކޮމިޓީއަކަށް އެ މައްސަލަ ހުށަހަޅުއްވައިގެން ކުރާ މަސައްކަތް އެއީ،ހިތު ހުރި ގޮތަކަށް މަޖިލީހުގެ ރިޔާސަތުން އަމަލުކުރުން ކަމަށެވެ.
"މައްސަލަ އެ ހުށަހެޅީމައި ގަވާއިދަށް ބަދަލުކުރުން، މަސައްކަތް ކުރުން ރަނގަޅެއް ނޫން. ހިތު ހުރި ގޮތަކަށް މަސައްކަތް ނުކުރުމަށް ގޮވާލަން" އާޒިމް ވިދާޅުވިއެވެ.
އިތުބާރުނެތްކަމުގެ މައްސަލަތަކާ ބެހޭގޮތުން 2017 ވަނަ އަހަރު ސުޕްރީމް ކޯޓުންކުރި ޙުކުމުގައި އޮތް ގައިޑްލައިނަކާ އެއްގޮތަށް ހުށަހެޅި އިސްލާޙެއްކަމަށް ކަމަށް ބުނެ، މި މިއިސްލާޙް މަޖިލީހަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު ޢަލީ އާރިފްއެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ސިޔާސީ ބޭނުމަކަށް އިތުބާރު ނެތް ކަމުގެ ވޯޓު ނުނެގޭނެ ކަމަށާއި އެފަދަ ވޯޓެއް ނަގަންވާނީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ކަމަށެވެ. އަދި އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރި ނަމަވެސް އެންމެ ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށާއި އެގޮތަށް ނިންމުމުން ސުޕްރީމް ކޯޓުގެ ހުކުމަށް މަޖިލީހުން ތަބާވާން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައި ވަނީ ވިދާޅުވެފައެވެ.
ނަމަވެސް އާންމު ކޮމިޓީން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ސަރުކާރުގެ އިސް މަގާމުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް ހުށަހަޅާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ގޮތަށެވެ.