މީރާއަށް ގެންނަންޖެހޭ ބަދަލުތައް އަންނަ ހަފްތާގައި ކެބިނެޓަށް ހުށަހަޅުއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެސްއެމްއީ ބޭންކް ހުޅުވުމަށްޓަކައި އާޓް ގެލަރީގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ މީރާގެ ޓެކްސްގެ ނިޒާމަށް ބަދަލުތައް ހުށަހެޅިގެން ދިޔުމުން ވިޔަފާރީގެ ސިނާއަތަށް ބޮޑެތި ފަސޭހަތައް ވެގެންދާނެ ކަމަށެވެ.
ވަރަށް އަވަހަށް އެސްއެމްއީ ޕޮލިސީ އާންމުކުރެވިގެންދާނެކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ އެސްއެމްއީ އަކީ އިޤްތިސާދުގެ ލޭނާރު ކަމަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި މަސައްކަތްކޮށްފައިވުމުން، ދިމާވާ ދަތިތައް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އިޤްތިސާދުގައި މުހިންމު ހިއްސާ އަދާކުރާ ބަޔަކީ އެސްއެމްއީ ކަމަށާއި އެފަދަ ވިޔަފާރީތައް ކުރިއަރައިގެން ދިއުމުން ރާއްޖޭގެ އިޤްތިސާދު ކުރިއަރައިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެސްއެމްއީ ބޭންކް ހުޅުވުމުން ހަމައެކަނި އެކަން ނިމުނީ ނޫން ކަމަށާއި އެ ބޭންކްއާއެކު އެސްޑީއެފްސީ އިން ފަންނަނީ ލަފާ ދިނުމާއި ވިޔަފާރީތަކުގައި ބައިވެރިވުމާއި ހިއްސާ ނެގުމާއި ލޯނު ދައްކަން ދަތިވާ ހާލަތުގައި އެހީތެރިވެދޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މި ސަރުކާރުގެ އަމާޒަކީ ރަނގަޅު ޕްރޮޖެކްޓްތަކާއެކު އަންނަ ވިޔަފާރީތައް ފެއިލްވިޔަ ނުދިނުންކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ ރާއްޖޭގެ އެއަރޕޯޓް ޑިއުޓީ ފްރީގައި ޕްރޮޑަކްޓް ވިއްކަން ހުއްދަ ލުބުމުން އެއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ ސަރުކާރުގެ ޕްރޮޖެކްޓުތަކުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް ފަސޭހައިން ބައިވެރިވެވޭނެ ކަމަށާއި ސަރުކާރުން ދިވެހި ވިޔަފާރީތައް ހުރިހާ އެހީއެއް ވާން ތައްޔާރަށް ތިބި ކަމަށެވެ.