ޅ. ނައިފަރުގައި 100 ހައުސިންގ ޔުނިޓް އެޅުމަށް ނިންމައި އެކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާންގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑެވެލޮޕްމަންޓުގެ އެދިލެއްވުމުގެ މަތިން ޅ. ނައިފަރުގައި 100 ހައުސިންގ ޔުނިޓް ޢިމާރާތްކުރުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. ބީލަން ހުށަހެޅުމުގެ ދަޢުވަތު އެކަމަށް ޝަރުޠުހަމަވާ ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ހުޅުވާލާ ކަމަށް އިއުލާންގައި ބުނެފައިވެއެވެ.
މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި އެއް ލައްކަ ޑޮލަރު ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ދިވެހި ރުފިޔާއިން ހުށަހަޅުއްވަންވާނެ ކަމަށް އިއުލާންގައި ބުނެފައިވާއިރު، ބިޑު ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސްކަމަށް އިއުލާންގައި ބުނެފައިވެއެވެ.
އިއުލާންގައި ބުނެފައިވާގޮތުން ބީލަން ހުޅުވުން އޮންނާނީ އޭޕްރީލް 17 އެވެ.
ބ. ތުޅާދޫގައި ވެސް 100 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފަ އެވެ. އޭގެއިތުރުން ލ. ގަމުގައި 200 ހައުސިން ޔުނިޓެއް އަޅައިދޭނެ ފަރާތެއް ހޯދުމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުން ހިމެނެ އެވެ.