ބައިނަލްއަގުވާމީ ގޮތުން މިޔަރާއި މަޑީގެ ބާވަތްތައް ހިމާޔަތްކުރުމުގެ މުހިއްމުކަމާ ގުޅޭ ގޮތުން 13 ގައުމަކާ އެކު ބާއްވާ ރީޖަނަލް ވާރކްޝޮޕެއް ރާއްޖޭގައި ފަށައިފި އެވެ.
އާދިއްތަ ދުވަހު ފަށާފައިވާ މި ވޯކްޝޮޕާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް އެންވަޔަރުމެންޓްގެ އެސިސްޓެންޓް ޑިރެކްޓަރ މުހުސިނާ އަބްދުއްރަހުމާން ވިދާޅުވީ މިއީ ދިވެހިރާއްޖެ އިން ބައިވެރިވެފައިވާ މުއާހަދާއެއް ކަމަށްވާ "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓެރޭޑް އިން އެންޑެންޖާޑް ސްޕީސިސް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ - ސައިޓީސް" ގެ 18 ވަނަ ކޮންފަރަންސް އޮފް ދަ ޕާޓީސް (ކޮޕް 18) އަށް ތައްޔާރުވުމުގެ ގޮތުން އޭޝިއާ ގައުމުތަކަށް އަމާޒުކޮށްގެން ބާއްވާ ވޯކްޝޮޕެއް ކަމަށެވެ.
"ސައިޓީސް އެޕެންޑިކްސް2" އަށް ދިރުންތަކުގެ އާ ބާވަތްތައް ހިމެނުމާއި، މިޔަރާއި މަޑީގެ ބައިނަލްއަގުވާމީ ވިޔަފާރިއާ ބެހޭ ގޮތުން މަޝްވަރާކުރުމުގެ އިތުރުން ދިރުންތައް ހިމާޔަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް ބައިނަލްއަގުވާމީ ފެންވަރެއްގައި ވާހަކަ ދައްކާނެ ކަމަށް ވެސް މުހުސިނާ ވިދާޅުވިއެވެ.
"ރާއްޖެއަކީ މިޔަރާއި މަޑި ހިމާޔާތް ކުރެވިފައިވާ ގައުމެއްވީމަ ރާއްޖެއިން މިފަހަރު ހުށައަޅާނީ ތިން ބާވަތެއް ތަކެތި. އެއީ ގިޓާ ފިޝްއާއި މާކޯ ޝާކްސްއާއި ދެން ވެޖްފިޝް. މި ތިނެތީގެ ޕްރޮޕޯސަލް އަށް ރާއްޖެއިން ސްޕޮންސަރކޮށްގެން އަދި ސްރީ ލަންކާ ކަހަލަ ވަރަށް ގިނަ ގައުމުތަކާ އެކު މި ހުށައަޅަނީ،" މުހުސިނާ ވިދާޅުވިއެވެ.
ދެ ދުވަހަށް ރިއަށްގެންދާ މި ވާރކްޝޮޕް އިފްތިތާހުކޮށްދެއްވީ މިނިސްޓާ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ޒަހާ ވަހީދެވެ.
މި ވާރކްޝޮޕްގައި ސައުތު އަދި އީސްޓް އޭޝިއާ ސަރަހައްދުގެ ގައުމުތަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް، ބޫޓާން، ކެމްބޯޑިއާ، އިންޑިއާ، ދިވެހިރާއްޖެ، މެލޭޝިއާ، މިޔަންމާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާއެވެ.
މިޔަރާއި މަޑީގެ ބާވަތްތަކަކީ ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރޭތަކެތީގެ ތެރޭގައި ހިމެނޭ ބާވަތްތަކެކެވެ. މީގެ އިތުރުން ކަނޑުގެ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ގޮތުން ދިވެހިރާއްޖެއިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.