ހޯރަފުށި، ކެނދިކުޅުދޫ، އަލިފުށި އަދި ފަރެސްމާތޮޑާ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށް އަދާލަތު ޕާޓީން ނިންމައިފިއެވެ.
އެ ހަތަރު ދާއިރާގެ އެމްޑީޕީގެ ކެނޑިޑޭޓުންނަށް ތާއީދު ކުރަން އަދާލަތު ޕާޓީން ނިންމިކަން އިއުލާންކުރެއްވީ އާދީއްތަ ދުވަހުގެ ރޭ ފަރެސްމާތޮޑާ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް ފަތުހުﷲ އަހްމަދުގެ ކެމްޕެއިން ޖަލްސާގައި، އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއެވެ. އެ ޖަލްސާގައި އިމްރާން ވަނީ އެމްޑީޕީގެ އެޖެންޑާ 19 އަށް ތާއީދު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
ހޯރަފުށި، ކެނދިކުޅުދޫ، އަލިފުށީ އަދި ފަރެސްމާތޮޑާ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން އަދާލަތު ޕާޓީން ބުރާސްފަތި ދުވަހުގެ ރޭ ނިންމިއިރު، ބުރާސްފަތި ދުވަހުގެ ހަވީރު އދ. މަހިބަދޫ އަދި ފ. ނިލަންދޫ ދާއިރާއަށް ވާދަކުރާ އަދާލަތު ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ދެ ޕާޓީ އެކުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރުމަށް އެކުގައި މަސައްކަތް ކުރުމަށް ނިންމާފައި ވާތީ، އެމްޑީޕީން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުގެ ވަޢުދުތައް ފުއްދުމަށް "އެޖެންޑާ 19"އަށް ޢަދާލަތު ޕާޓީން ތާއިދު ކުރުމަށް ނިންމަވާފައި ވާތީ އެކަމަށް އެމްޑީޕީން މަރުހަބާ ކިޔާ ކަމަށެވެ.
މަހިބަދޫ ދާއިރާއަށް އަދާލަތުން ނެރެފައި ވަނީ ގާނޫނީ ވަކީލު އަލީ އާޒިމެވެ. އަދާލަތުގެ ފަރާތުން ނިލަންދޫ ދާއިރާއަށް ވާދަ ކުރަނީ މުއްސަބު މުހައްމަދެވެ.
ޢަދާލަތު ޕާޓީއަކީ ރައީސް ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމާއި ޚިޔާނާތާއި ވައްކަމާއި ދެކޮޅަށް އެމްޑީޕީ އާއި އެކީގައި ފެށި މަސައްކަތުގައި މިހާތަނަށް ވެސް އެކުގައި ސިޔާސީ މަސައްކަތް ކުރަމުން އަންނަ ޕާޓީއެއް ކަމަށް އެމްޑީޕީން ނެރެފައިވާ ނޫސް ބަޔާނުގައި ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު ހައެއްގައެވެ.