އާދަލަތު ޕާޓީ އާއި އެމްޑީޕީގެ ސަފުތައް ފޫ އަޅުވާލެވޭނެ އެހެން ސިޔާސީ ބައެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޕްރައިމަރީގައި ވާދަކޮށް ފަރެސްމާތޮޑާގެ ޓިކެޓް ކާމިޔާބު ކުރެއްވި ފަތުހުﷲ އަހްމަދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ރައީސްކަންވެސް ކުރައްވާ ނަޝީދު ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ތަރައްޤީ ކުރުން ކަމަށެވެ.
އަދާލަތު ޕާޓީއަކީ ދިވެހިން އެދޭ އަދި ބޭނުންވާ އުސޫލުތަކަށް ވަކާލާތު ކުރާ ޕާޓީއެއްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ހުރިހާ ކަމަކީ ވެސް އަދާލަތު ޕާޓީގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ. އަދި މިހާރު ލިބޭ އެންމެ ބޮޑު ހިތްހަމެޖެހުމަކީ އަދާލަތާއި އެމްޑީޕީ އެކުގައި މަސައްކަތް ކުރަން ނިންމުން ކަމަށާއި 19 ވަނަ ރައްޔިތުން މަޖިލީހުގައި އެމްޑީޕީއާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީން އަދާލަތު ޕާޓީގެ ފަރާތުން ފިލާވަޅު ނަގާ އަދި ނަގަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
އެމްޑީޕީން ވަކާލާތު ކުރާ އިންސާފުގެ މަގަށް ގެންދިޔުމަށް ބޭނުންވާ ޕާޓީއަކީ އަދާލަތުކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެންމެންނަށް ވެސް މޫނު ނުކެނޑި ވާދަކުރެވެންޖެހޭނެ ކަމަށެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހަކީ ހަރުދަނާ މުއައްސަސާއަކަށްވެއްޖެ ކަމަށާއި ރާއްޖޭގެ ފެއިލް ނުވެ ހިފަހައްޓާފައި ހަމައެކަނި މުއައްސަސާއަކީ އެމްޑީޕީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖެ ފުރިހަމަ ވަނީ، ހިންގާ ނިޒާމް ވެސް ފުރިހަމަ ވަނީ އަދާލަތު ޕާޓީ ތަރައްޤީވެ ފުރިހަމަވުމުން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީއަށް ލިބޭ އުފާވެރިކަމަކީ އަދާލަތު އެމްޑީޕީއާއެކުގައި ދިގުމުއްދަތަކަށް މަސައްކަތް ކުރަން ލިބުން ކަމަށާއި ދެ ޕާޓީ އެކުގައި މަސައްކަތް ކުރުމުން ދިވެހިން ބޭނުންވާ ދިވެހިރާއްޖެ ލިބޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަދާލަތު ޕާޓީން އެމްޑީޕީއާއެކުގައި މަސައްކަތް ކުރަން ނިންމާފައިވާއިރު ޖުމްހޫރީ ޕާޓީން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދާއެކު މަޖިލިސް އިންތިހާބަށް ނުކުންނަން ނިންމަވާފައެވެ. ރައީސް ސޯލިހުގެ ކެބިނެޓުގައި ޖޭޕީގެ ފަރާތުން ހިމެނިވަޑައިގަންނަވާ ފަސް ވަޒީރުންގެ ތެރެއިން ތިން ވަޒީރަކު ވަނީ ފާޅުގައި ގާސިމްގެ ނިންމެވުމަށް ދެކޮޅު ހައްދަވައި، ސަރުކާރު ދިފާއު ކުރައްވާނެ ކަަމަށް ވިދާޅުވެފައެވެ.