އަލަށް ވަޒީފާ އަށް ގެންނަ ބިދޭސީންނަށް ދޫކުރާ އެމްޕްލޯއިމަންޓް އެޕްރޫވަލް 48 ގަނޑިއިރު ތެރޭގައި ދޫކުރުމަށް އިމިގްރޭޝަނުން ނިންމައިފިއެވެ.
އިމިގްރޭޝަނުން ބުނެފައި ވަނީ އެމްޕްލޯއިމަންޓް އެޕްރޫވަލް އަށް އެދި ހުށަހަޅާއިރު ހުރިހާ ލިޔެކިޔުމެއް ފުރިހަމަ ކަމުގައިވާ ނަމަ 48 ގަޑިއިރު ތެރޭގައި އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
ލިޔެކިޔުން ފުރިހަމަނުވި ނަމަވެސް އެމްޕްލޯއިމަންޓް އެޕްރޫވަލް އަށް އެދި ހުށަހަޅާ ފަރާތަށް މި މުއްދަތުގެ ތެރޭގައި އެކަން އަންގާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ހިދުމަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލްއަށް އެދި ހުށަހަޅާއިރު ބޭނުންވާ އެންމެހާ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ސަމާލުކަން ދިނުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.
އިމިގްރޭޝަނުން ބުނީ އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ހިދްމަތަށް މިފަދަ ބަދަލެއް ގެނައުމުގެ މަގްސަދަކީ އިމިގްރޭޝަނުން ދޭ ހިދުމަތްތައް ރައްޔިތުން ގަބޫލުކުރާ ފެންވަރަށް ގެނައުމާއި ކަމާ ގުޅުން ހުރި މަސައްކަތްތައް ކުރާ ފަރާތްތަކަށް ލުއި ފަސޭހަކޮށް ދިނުން ކަމަށެވެ.
މި ބަދަލަށް އަމަލުކުރާނީ 17 މާރޗް އިން ފެށިގެން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ އަދަދު 63،000 އަށް އަރާ ކަމަށް އިމިގްރޭޝަނުން ކުރިން ވަނީ ބުނެފައެވެ.