ޑެންގީ އަދި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
ޑެންގީ އަދި ޗިިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވަމުން އަންނާތީ، އެކަމަށް ސަމާލުވެ، ރައްކާތެރިވުމަށް އިލްތިމާސްކޮށް އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނީ، އެ ދެ ބަލި ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު އަދިވެސް ދަށަށް ނުދާކަމަށެވެ. އަދި ޑެންގީ ހުން ގިނަވެފައިވާއިރު، މިދުވަސްވަރު ޗިކުންގުންޔާ ޖެހިގެން ރިޕޯޓްކުރާ އަދަދުވެސް އިތުރުވަމުން އަންނަކަމަށް އެ އެޖެންސީން ބުންޏެވެ.
ޗިކުންގުންޔާއަކީވެސް ޑެންގީ ހުން ފަތުރާ މަދިރިކަމުގައިވާ އީޑީސް މަދިރީގެ ޒަރިއްއާއިން ފެތުރޭ ބައްޔެއްކަން ފާހަގަކޮށް އެޗްޕީއޭއިން ވަނީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލައިފަ އެވެ. އެގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާގޮތަށް ހެދުން އެޅުމަށާއި، މަދިރި ލޯޝަން ބޭނުން ކުރުމަށާއި، ސްޕްރޭ ބޭނުން ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެއެވެ. އަދި ތިން ދުވަހަށްވުރެ ގިނައިން ހުން އަންނަނަމަ، އަދި ޑެންގީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ސިއްހީ އެހީތެރިއެއްގެ އެހީ ހޯދުމަށް އެޖެންސީން އެދިފައިވެއެވެ.
ޑެންގީގެ ބައެއް އަލާމަތްތައް:
- ކުޑަކަމުދެވޭ މިންވަރު މަދުވުން
- އާދަޔާ ހިލާފަށްވަރު ދެރަވުން
- ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އައުން
ގޭގައި ދެވިދާނެ ބައެއް ފަރުވާތައް:
- އަރާމުކުރުން (މީގެ ސަބަބުން ބަލި ފަސޭހަވުން އަވަސްވެ، ބަލި ފެތުރުންވެސް ރައއްކާތެރިކޮށްދޭ)
- ގިނަ ގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން (ކުރުނބާ ފެން، ލޮނު ޕެކެޓް، ތާޒާ މޭވާގެ ޒޫސް، ސޫޕް ފަދަ ތަކެތި) (ގިނައިން ދިޔާ ތަކެތި ދިނުމުގެ ބޭނުމަކީ، ލޭގެ ޕްރެޝަރު ރަނގަޅަށް ހިފެހެއްޓުން)
- ފެރެސެޓެމޯލް ނޫން ބޭހެއް ބޭނުން ނުކުރުން (ހުން މަޑުކުރުމާއި، ގައިގައި ރިއްސުމާއި، ހުޅުހުޅުގައި ރިއްސުމަށް)
އޭގެއިތުރުން އެޗްޕީއޭއިން ވަނީ މަދިރި އުފެދޭ ތަންތަން ނައްތާލުމަށް އާންމުންގެ އެހީތެރިކަމަށްވެސް އެދިފަ އެވެ. އަމިއްލަ ނަފްސް ސާފުތާހިރުކޮށް ބެހެއްޓުމަށް ހާއްސަ އިސްކަމެއް ދިިނުމަށްވެސް އެދިފައެވެ.
ރާއްޖެ.އެމްވީއަށް އެނގިފައިވާ ގޮތުގައި މާލޭގެއިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް މި ދެ ބަލި އަންނަނީ ވަރަށް ބާރަށް ފެތުރެމުންނެވެ. ކޮންމެ އަހަރަކުވެސް، މި ދުވަސްވަރު ޑެންގީ ހުންފަދަ ބަލިތައް ފެތުރޭ މިންވަރު އިތުރުވެ އެވެ.